ގއ. ވޮޑަމުލާގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނޮވެންބަރު 28، 2019 ގައި ކުރި 5 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ޖެނުއަރީ 21، 2021 ގައި ދެމެހެއްޓިއެވެ. ސުޕްރީމް ކޯޓުގެ އިސްތިއުނާފުގެ މަރުހަލާގައި ނޮވެންބަރު 30، 2021 ގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމުން އެއް ބަޔަކަށް ސިހުން ގެނުވި ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި ޕާޓީގެ މެންބަރުންނާއި އާންމުންގެ ގިނަ ބަޔަކު ގަބޫލުކުރީ އެ ހުކުމް އަންނާނީ އެގޮތަށް ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އާ ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެ ހުކުމުގައި ހަގީގަތެއް ނެތް ކަމަށާއި މަނީލޯންޑާގެ ތުހުމަތުތަކެއް ކުރިކަމުގައި ވިޔަސް މަނީ ލޯންޑާގެ އަމަލެއް ހިނގާފައި ނެތް ކަމަށެވެ.

ރައީސް ޔާމީން ސްޕްރީމް ކޯޓުން މިނިވަންވެ ވަޑައިގެން ދުވަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމާއެކު/ ފޮޓޯ: ވަގުތު އޮންލައިން

ޖަމީލު ވިދާލުވީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަސައްކަތް ކުރީ ދިވެހިރާއްޖޭގައި އޮތް ގާނޫނާއި ދުނިޔޭގެ މަނީލޯންޑްރިންގެ މަފްހޫމް އޮޅުވާލައިގެެން ރައީސް ޔާމީންގެ މައްޗަށް ބޮޑު ހުކުމެއް ކުރަން ކަމަށެވެ.

"އަސްލު ރާއްޖޭގެ ޕީޖީއިން އުޅުނީ ދިވެހި ރާއްޖޭގެ އޮތް ގާނޫނާއި ދުނިޔޭގެ މަނީލޯންޑްރިންގެ މަފްހޫމް އޮޅުވާލައިގެން ބޮޑު ހުކުމެއް ޖަހަން"
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

ޖަމީލު ވިދާޅުވީ މަނީލޯންޑްރިން އަކީ ސަމާސާއަކަށް ކުރެވޭ ޒާތުގެ ކުށެއް ނޫން ކަމަށެވެ. އަދި މަނީލޯންޑާގެ ކުށަކީ ޓެރަރިޒަމް އަދި ޑްރަގް ފައިނޭންސުން ފައިސާ ހޯދައިގެން އެ ފައިސާ ދޮވެ ސާފުކުރާ "މެކޭނިޒަމަކަށް" ކިޔާ ނަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ވަރަށް ސީރިއަސް ކުށެއް އެއަކީ ސަމާސާއަކަށް ކުރެވޭ ޒާތުގެ ކުށެއް ނޫން. އެއީ ޓެރަރިޒަމް، މަނީލޯންޑްރިން އަދި ޑްރަގު ފައިނޭންސް ގިނަ ގައުމުތަކުގަ މި ހުންނަނީ. އެހެންވީމަ ޑްރަގާ ޓެރަރިޒަމް ފައިނޭންސުން ފައިސާ ހޯދައިގެން އެ ފައިސާ ދޮވެ ސާފްކުރާ މެކޭނިޒަމަކަށް އަސްލު މަނީލޯންޑާ ކުރުމޭ ކިޔަނީ"
ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

ޖަމީލު ވިދާޅުވީ ޕީޖީއިން މަސައްކަތް ކުރީ މަނީލޯންޑާ ކުރުން އޮޅުވާލަން ކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޔާމީން، އެ ފަދަ ކުށެއް ކުރައްވާފައި ނުވާކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން އިންސާފުވެރި ޝަރީއަތެއްގެ ކުރިމަތީގައި ރައީސް ޔާމީން ސަލާމަތް ވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

އިއްޔެ ޔާމީން މިނިވަންވެވަޑައިގެން ގެކޮޅަށް ވަޑައިގަތުމުން، ޑރ. ޝަހީމް ޔާމީނާ ސަލާމް ކުރައްވާއިރު، ޑރ. ޖަމީލާއި ޑރ. މުއިއްޒު ސަމާލުކަމާއެކު ބައްލަވާއިރު ރައީސް ޔާމީނުގެ ވާއަތުން ފަހަތުގައި ނަރީޝް ---

ކްރިމިނަލް ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރުން

ކްރިމިނަލް ކޯޓުގެ ހުކުމާއި ހައި ކޯޓުން އެ ހުކުމަށް ތާއިދު ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި މައިގަނޑު ސަބަބަކީ އެސްއޯއެފްގެ ޗެކަކީ ދައުލަތަށް ލިބެން ޖެހޭ ޗެކެއް ކަމާ މެދު ފާޅުކަން ބޮޑު ސުވާލުތަކެއް އުފެދުމުންނެވެ. ޔާމީންގެ އެކައުންޓަށް ފައިސާ ލިބުނު ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައި ވާ ނަންބަރު ދިމާ ނުވާތީ އެސްއޯއެފް އަށް ޖަމާވީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަން ފާހަގަވެފައި ނުވާ ކަމަށާއި ދައުލަތަށް ވެސް ސުޕްރީމް ކޯޓުގެ މަރުހަލާގައި އެ ނުކުތާ ސާފުކޮށްދެވޭނެ ވާހަކަތަކެއް ދެއްކިފައި ނުވާ ކަމަށް ވެސް އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ވަނީ އެމްއެންޕީއާރްސީގެ ބޮޑު ހިޔާނަތުގައި އެންމެ ބޮޑަށް ބައިވެރިވި އެސްއޯއެފްގެ އިސް ވެރިންގެ ހެކިބަސް ނުނަގަން ނިންމި ނިންމުން އެނޫން ގޮތަކަށް ބަދަލު ކުރުމަށް ދައުލަތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމާއި މައްސަލަ އިސްތިއުނާފު ވެސް ކޮށްފައި ނެތުމަކީ އެކަމުގައި ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތްކަން އެނގޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މައްސަލައިގެ މުހިންމު ހެއްކެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިގެންފައިވާ ވަނީ ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅީ އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަށް އަމިއްލައަށް އިއުތިރާފު ވެފައިވާ ބައެއް ކަމުން އެއީ ފާސިގުން ކަމަށް ބެލެވޭނެއެވެ.

އަދީބު (ކ) އަދި ޒިޔަތު (ވ) --

ސްޕްރީމް ކޯޓުން ވަނީ އެއް މިލިއަން ޑޮލަރުގެ ހަގީގަތް މިހާތަނަށް ހޯދިފައި ނެތުމުން އެކަން ތަހުގީގު ކުރުމުގެ ހައްގު އަދިވެސް ދައުލަތަށް އެބަ އޮތް ކަމަށާއި އެހެންނަމަވެސް އެކަން ކުރުމުގައި ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ޔާމީނަށް ލިބޭ ހައްގުތައް ގެއްލޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

ދަށު ކޯޓުގެ ފަސް ގާޒީން ޔާމީންގެ މައްޗަށް ކުރި ހުކުމް ގޯސް ކަމަށް ސްޕްރީމް ކޯޓުގެ ބެންޗުން ކަނޑައެޅި ސަބަބުތަކުގެ ތެރޭގައި ޖަލު އަދަބާއި ޖޫރިމަނާގެ އަދަބު އުގޫބާތެއްގެ ގޮތުގައި ކަނޑައަޅާނަމަ އެކަން ކުރަން ޖެހޭނީ އިންސާފުވެރި ކަމާއި ހަމަހަމަކަމާއެކު ކަމަށާއި ނަމަވެސް ޖޫރިމަނާ ބޮޑު ކުރި ކުރުން ބަލައި ނުގަނެވޭ ކަމަށް ނިންމުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް

އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ 155 މީހެއްގެ އެކައުންޓަށް އެސްއޯއެފުން ޖަމާ ކޮށްފައި ވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގީ ރިޕޯޓުން ހާމަވެފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހަށާއި އެ ކޮމިޝަނަށް ވެސް ހާޒިރު ކޮށްފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި އިރު އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވެ، އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް އޭރުގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ވަނީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މި މައްސަލައިގާ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައި ވާކަން އޭސީސީއިން އާންމު ކުރި ރިޕޯޓުން އެނގޭއިރު މަހުލޫފް ވަނީ ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށް ދައުވާ ކުރަން ޕީޖީއަށްވެސް ފޮނުވާފައެވެ. އެހެންނަމަވެސް ދައުވާ ނުކޮށް ސަސްޕެންޝަން އުވާލައިފައި އަނެއްކާ މިހާރު ވަނީ ދައުވާ ކުރަން ކޯޓަށް ފޮނުވާފައެވެ.

ޔޫތް މިނިސްޓަރު މަހުލޫފް މަޖިލީހުގައި ވާހަކަދައްކަވަނީ / ފައިލް ފޮޓޯ: ރައްޔިތުން މަޖިލީސް

މި މައްސަލައިގާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އޮކްޓޯބަރު 5، 2020 ގައި 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވާއިރު އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ޑިސެންބަރު 7، 2020 ގައި 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. ނަމަވެސް މި ދެބޭފުޅުންވެސް މިހާރު ތިއްބެވީ ގޭގައެވެ. ގޭ ބަންދުގައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގާ ދައުވާކޮށްފައިވާ މީހުންގެ ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމާއި ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ އިތުރުން އަހުމަދު ކުރިކް ރިޒާ ހިމެނެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތައް:

ރ. ފުއްގިރި އާއި ވ. އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާތަކެއް ވަނީ އުފުލާފައެވެ. އެގޮތުން ޖޫން 28، 2020 ގައި ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.

މީގެ އިތުރުން އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ނޮވެންބަރު 24، 2021 ވަނަ ދުވަހު އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަނގާ ލޯންޑާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި އުފުލާފައިވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ.

މިއަދުގެ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިކަމާ ގުޅިގެން ޖަމީލު ވިދާޅުވީ އަލަށް މިހާރު ކޯޓަށް ވައްދާފައިވާ ދެ މައްސަލަތަކުގައި ވެސް ރައީސް ޔާމީނާ ގުޅުމެތް އޮތް ގޮތެއް ބަަޔާން ކޮށްދެވިފާ ނުވާ ކަމަށާއި މި މައްސަލަތަކަކީ ކޯޓުތަކުގެ ތެރެއިން ކުރިއަށް ގެންދެވޭ ވަރަށް އޭގެ ބުރަދަނެއް ހުރި މައްސަލަތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ ދަށު ކޯޓުގައި ހުރި މައްސަލަތަކުގެވެސް އެއްވެސް އަސާސެއް ނެތް ކަމަށާއި އެ މައްސަލަތަކުން ކޯޓުތަކުގެ ތެރޭގައި ނެގެހެއްޓޭނެ ފަދަ އެއްވެސް މައްސަލައެއް ނެތް ކަން ޔަގީންވާ ކަމަށެވެ.

"ދަށު ކޯޓުގައި ހުރި މައްސަލަތަކުގެވެސް އެއްވެސް އަސާސެއް ނެތޭ. އެއަކުން އަޅުގަނޑަށް ޔަގީން ކޯޓު ތަކުގެ ތެރޭގައި ނެގެހެއްޓޭނެ ފަދަ އެއްވެސް މައްސަލައެއް ނެތްކަން"
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

މިދިޔަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންކޮށްފައިވާއިރު އެމަނިކުފާނުގެ އިތުރު ދައުވާތަކެއް ހުރުމާއެކު ޕާސްޕޯޓު ހިފަހައްޓައިދިނުމަށް ދައުލަތުން އެދުނު ނަމަވެސް އެ އަމުރު ނުދޭން ނިންމައިފާ ވަނީ އެމަނިކުފާނުގެ ޕާސްޕޯޓުގެ މުއްދަތު ޖެނުއަރީ 27، 2021 ވަނަ ދުވަހު ހަމަވެފާވުމުންނެވެ. އެ ދުވަހު ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ހިފެހެއްޓުމުގެ އަމުރު ނުދިން ކަމުގައި ވީ ނަމަވެސް ޔާމީން ފިއްލަވަން އުޅުއްވާ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ އެ އަމުރަށް އެދެވިދާނެ ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ޝަރީއަތް ސްޕްރީމް ކޯޓުގައި ކުރިއަށް ދަނީ

ރައީސް ޔާމީން މިނިވަންވުމާއެކު އެ މަނިކުފާނު ލީޑުކުރައްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތުގައި އަންނަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެ ހަރަކާތުގެ ރައީސް ޔާމީން ރާއްޖެ ތެރޭގެ އެކި ރަށްތަކަށް ދަތުރުކުރަމުން އަންނައިރު ސަރުކާރުގެ ވެރިންނާ ސަޕޯޓަރުން އަންނަނީ އެކަމާ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިތުރަށް ސިޔާސީ ހަރަކާތްތަކުގެ ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ޕީޕީއެމް ފިޔަވާ އެހެން ބަޔަކަށް ސިޔާސީ މަސައްކަތެއް ކުރެވޭ ތަނެއް ނުފެންނަ ކަމަށާއި އިދިކޮޅުގެ ސިޔާސީ ޕާޓީގެ ގޮތުގައި އެ ކޯލިޝަނުން ރާއްޖެގައި ހުރި މުހިއްމު މައްސަލަތަކުގެ ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީއަކީ އެއްއިރެއްގައި ވަރަށް ހަރަކާތްތައް ބާއްވަމުން އައި ޕާޓީއެއްކަން ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ ސަރުކާރަށް 3 އަހަރު ވެގެންދިޔައިރު މިހާރު އެއްވެސް ޖަލްސާއެއްވެސް ނުބޭއްވުމަކީ ރައްޔިތުންގެ އިތުބާރެއް އެ ޕާޓީއަށް ނެތް ކަމުގެ ހެއްކެތް ކަަމަށެވެ.