ތަރައްގީ ވަމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ބަލާއިރު ކުޑަކުދިންނަށް އަނިޔާ ލިބޭ މިންވަރު މަދުވާތަނެއް ނުފެނެއެވެ. ކުޑަކުދިންނަށް ތަފާތު އެކި ސިފަސިފައިގައި އަނިޔާލިބެމުން އަންނައިރު އޭގެތެރެއިން ބައެއް ކުދިންނަކީ އުމުރުގެ ކުރީކޮޅުން ފެށިގެން އެ އަނިޔާތައް ތަހައްމަލު ކުރަން ޖެހިފައިވާ ކުދިންނެވެ. އެ އަނިޔާތައް ގިނަ ފަހަރު ކުރިމަތި ވަނީ އާއިލާގެ ތެރެއިންނޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ. އެއާ ވިދިގެން ދެން އެ ކުދިންނަށް ކުރިމަތިވާ އަނެއް ގޮން ޖެހުން ތަކަކީ އެ ކުދިންނަށް ލިބޭ އަނިޔާތަކުން ސަލާމަތް ކޮށްދޭން ސަރުކާރުގެ ފަރާތުން ހަމަޖައްސައިފާ މުއައްސަސާތަކުން އެ މައްސަލަތަކަށް އިހުމާލުވުމެވެ.

2021 ވަނަ އަހަރު ޖެންޑާ މިނިސްޓްރީއަށް އެކި ބާވަތުގެ 2200 އަށް ވުރެ ގިނ މައްސަލަ ހުށަހެޅި އެ މައްސަލަތައް ބަލާފައި ވާއިރު އެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތުގެ 970 އަށްވުރެ ގިނަ މައްސަލަ ހިމެނެއެވެ.

ޖެންޑާގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކާއި އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ހާނިކައިގެ 279 މައްސަލައެއް ނޮވެންބަރުގެ ނިޔަލަށް ޖެންޑާއަށް ހުށައަޅާފަައި ވާއިރު އިހުމާލުގެ 266 މައްސަލައެއް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ލިބޭ ޖިސްމާނީ ހާނިކާގެ 177 މައްސަލައަކާއި ނަފްސާނީ ހާނިކާގެ 84 މައްސަލައެއްވެސް މިދިޔަ ނޮވެންބަރުގެ ނިޔަލަށް ވަނީ ހުށައަޅާފައެވެ.

2021 ވަނަ އަހަރުގެ ތެރޭގައި އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުނު ކުދިންގެ މައްސަލަތަކާއި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ މައްސަލަތަކެއްވެސް ވަނީ ޖެންޑާއަށް ހުށައަޅާފައެވެ. އަދި ޖެންޑާއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ ވެސް ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިންނަށް ސަރުކާރުން ރައްކާތެރިކަން ފޯރުކޮށްދެމުން އަންނައިރު މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމުލަ 208 ކުއްޖަކު އެބަތިއްބެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެންބަރުގެ ނިޔަލަށް ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދާއި އޭގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަތަކުގެ އަދަދު ދައްކުވައިދޭ ޗާޓެއް

މީގެ ކުރިއާ އަޅާބަލާއިރު މި ފަހަކުން ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ހުށައަޅާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ގިނަވެފައި ވުމީ ވެސް ސުވާލުތަކެއް އުފެދިފައިވާ ކަމެކެވެ. ކުޑަކުދިންގެ ގިނަ ވަގުތުތަކެއް ސުކޫލުގައި ހޭދަކުރާއިރު އެ ކުދިންނަށް އެ މާހައުލުންވެސް އެކި ވަރުގެ އަނިޔާތައް އަންނަނީ ލިބެމުންނެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ސްކޫލެއްގައި މަސައްކަތް ކުރަމުން އަންނަ ކައުންސެލަރަކު ބުނީ މިހާރު ކުޑަކުދިންނަށް ކުރާ އަނިޔާ ހުށައަޅަމުން އަންނަ މިންވަރު އިތުރުވެފައި ވަނީ ހޭލުންތެރިކަން އިތުރުވެފާވާތީ ކަމަށާއި މިހާރަށް ވުރެ ގިނައިން މީގެކުރިން ކުޑަކުދިންނަށާއި އަންހެނުނަށް ކުރާ އަނިޔާ އިތުރުކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން މިހާރާ އަޅާބަލާއިރު ގިނަ މީހުން ފިރިމީއަށް އިހުތިރާމު ކުރުމުގެ ގޮތުން އާއިލާގެ ގަދަރު ހިފަހައްޓަން ވަރަށް މަސައްކަތް ކުރާ ކަަމަށެވެ.

"އޭރު ވަރަށް ބޮޑަށް ވިސްނާނެ ފިރިހެން މީހާއަށް ކަމެއް ވެއްޖެއްޔާ ދެން އާއިލާ ގޮވައިގެން އުޅޭނެ ގޮތާ މެދު"
ކައުންސެލާ

ސްކޫލަށް ހުށައަޅަމުން ދަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރެއިން ޖިސްމާނީ އަނިޔާތައްކަން ފާހަގަ ކުރަމުން ކައުންސެލަރު ބުނީ ބައެއް ބަލެނިވެރިން ކުދިން ބަސްނޭހުމުން އެ ކުދިންގެ ގައިގާ ތަޅާ، ހަޅޭލަވާ، ހަޑިހުތުރު ބަސްތަކުން އެއްޗެހި ކިޔާ ހަދަނީ އެކަމުގައި ސަބަބުން އެ ކުދިންނަށް ލިބޭނެ އަނިޔާ ވިސްނާނުލެވި ކަމަށެވެ.

"ބައެއް ބެލެނިވެރިން ކުދިންގައިގަ ތަޅާ ހަޅޭލަވާއިރު އަސްލު ނޭނގެ މިކުރެވެނީ ކިހާވަރެއްގެ ކަމެއް ކަމެއް. ބައެއް ބެލެނިވެރިންނަށް ވިސްނިފާ އޮންނީ ތަޅާ އަނިޔާކުރީމަ ގޯސްކޮށް އުޅޭ ކުއްޖަކު ރަނގަޅުވެދާނޭ"
ކައުންސެލާ

އާއިލީ މައްސަލަތަކުގެ ސަބަބުން ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ މައްސަލަތައްވެސް ހުށައަަޅާ ކަމަށާއި ބޮޑަށް އެފަދަ މައްސަލަތައް ހުށައަޅައިފައި ވަނީ މައިންބަފައިން ވަކިވެ ނުވަތަ ކައިވެނިން ބޭރުގައި ލިބޭ ކުދިންނަށް ކަަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. އެހެންނަމަވެސް ގިނަ ފަހަރު މިފަދަ މައްސަލަތައް ކުރިމަތިވަނީ އާއިލާގެ ގާތް މީހެއްގެ ފަރާތުންނެވެ. ނުވަތަ އާއިލާގެ ރައްޓެހި ކަމުގައި ގެ އަށް އަންނަ މީހެއްގެ ފަރާތުންނެވެ. އަދި މިފަދަ އާއިލާތަކުގެ ތެރެއިން ކުދިންނަށް ލިބޭ އަނިޔާތައް ސިއްރުކުރުމުގެ ފަރުދާއަކަށް މަދުން ނަމަވެސް މައިންބަފައިން އަންނަނީ ވަމުންނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި އިހުތިޖާޖު / ފޮޓޯ: ދަ ޕްރެސް

ގުރުއާން ކްލާސްތަކާއި ޓިއުޝަން ކުލާސްތަކުން ގިނަ ކުދިންނަށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހޭއިރު، މީގެ ކުރިން އެފަދަ ގިނަ މައްސަލަތައް ސިއްރު ކުރަމުން އަންނަ މަންޒަރުވެސް ފެނެއެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް ގިނަ ބެލެނިވެރިންވެސް ހޭލުނަތެރި ވެފައިވާ ކަމަށާއި އޭގެ ސަބަބުން ކުދިންނަށް ކަންކަން ބުނެދީފަައި ހުންނާތީ އެކަންކަން ވެސް ހުށައެޅޭ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ. މިހާރުގެ ކަރިކިއުލަމްގައި ވެސް ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ ވާހަކަތައް ވެސް ހިމަނާ، ކުދިން އެކަމަށް ހޭލުތެރި ކުރުވުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

ކޮވިޑްގެ ޕެންޑެމިކަށް ފަހު ކުޑަކުދިންނަށް ކުރާ އަނިޔާ ރިޕޯޓު ކުރާލެއް ގިނަކަން ފާހަގަ ކުރަމުން ކައުސެލަރު ބުނީ އެހެން އެކަން ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ އެ ދުވަސްތަކުގައި ސްކްރީން ޓައިމް ގިނަވުން ކަމަށެވެ. ކުދިން ގޭތެރޭގައި ތިބެގެން މުނިފޫހިފިލުވާ އެއްޗަކަށް ސޯސަލް މީޑިއާ އެ ދުވަސްވަރު ވީއިރު ތަފާތު އޮންލައިން ގޭމުތަކުން ވެސް ނުދަންނަ މީހުންނާ މުއާމަލާތް ކޮށް، އެ މީހުންނާ ގުޅައިގެން ވާހަކަދައްކާ އެތައް އަނިޔާތަކެއް ކުދިންނަށް ވަނީ ލިބިފައެވެ.

ކައުންސެލަރު ބުނި ގޮތުގައި އެ ކުދިންނާ މާ ބޮޑަށް ގާތްކަން ބާއްވާ އެކި ފާޑުގެ ފޮޓޯ އަތުލާ އެ ފޮޓޯތައް ބޭނުން ކޮށްގެން ފަހުން ބިރު ދައްކާ، ބްލެކްމެއިލް ކުރަމުން އަންނަ ކަމަށެވެ. މަންމަމެން ފޯނުދީ ބުނި ގޮތް ނޫން އެހެން ގޮތެއް ހެދުމުން އެ ބިރުވެރިކަމުގައި، އަނިޔާއެއް ލިބެމުން އަންނަކަން މަންމަމެންނަށް ސިއްރުކުުމުގެ ނަތީޖާއަކަށް އިތުރު އަނިޔާތަކާ ކުރިމަތިލާން ޖެހޭ ކަމަށްވެސް ކައުންސެލަރު ބުންޏެވެ. މީގެ އިތުރުން ބިރު ދައްކާ ބައްދަލުކުރަން މަޖުބޫރުކޮށް، ބައްދަލުކުރުމުން އަނިޔާކުރާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަމަށް ދައްކުވައިދޭ ޕޯސްޓަރެއް

ކައުންސެލަރު ބުނީ އެ ހިސާބުން އެ ކުދިން ދިމާވާ ނުބައި ރައްޓެހިންނާއެކު ކުށުގެ ވެއްޓަށް ހުށައެޅިގެންދާ ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ އަޖުމަ ބަލާލަން އެ މީހުން ދައުވަތު ދޭ ކަމަށެވެ. އަދި އެއަށްފަހު އިތުރަށް ބޭނުން ވެއްޖެނަމަ ގަންނަން ޖެހި ނުވަތަ މަސްތުވާތަކެތި ސަޕްލައި ކޮށްދޭ މީހަކަށް ވުމަށް ހުށައަޅާކަަމަށް ވެސް އޭނާ ބުންޏެވެ. ދެން މަސްތުވާތަކެތި ނުލިބި، ވައްކަންކޮށް ފޭރުމުގައި ކުޑަކުދިން ހިމެނޭއިރު އެ މަސްތުވާތަކެތި ޕެކްކޮށް ވިއްކުމުގައި ކުޑަކުދިން ބޭނުން ކުރާ މައްސަލަތައް ވެސް ސުކޫލަށް ހުށައަޅާ ކަމަށް ކިޔައިދިނެވެ.

ބައެއް ގޮންޖެހުންތައް

ސްކޫލުތަކުގައި ކައުންސެލަރުން މަސައްކަތް ކުރަން އެންމެ ރަނގަޅު މާހައުލެއް ނެތުމަކީ ބޮޑު ގޮންޖެހުން ކަމަށާއި ކުޑަކުދިންގެ މައްސަލަތައް ޖެންޑާއަށް ހުށައަޅާއިރު އެފަދަ ބައެއް މައްސަލަތަކަކީ އެ ކުއްޖާއަށް ގޭތެރެއިން ލިބޭ އަނިޔާގެ މައްސަލައެއް ކަމަށް ވަނީ ނަމަ ވަގުތުން އެ ކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހުނަސް މިނިސްޓްރީ އިން އެފަދަ މައްސަލައަކާ ހިސާބަށް ވާސިލް ވާއިރު މަސް ދެމަސް ވާއިރު ސްކޫލު މާހައުލުގައި އެ ކުއްޖާ ރައްކާތެރި ކުރެވެން ނުހުންނަ ކަމަށް ކައުންސެލަރު ފާހަގަކުރެއެވެ.

"އެންމެ ފަހުންވެސް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރިޕޯޓުކޮށްގެން މަހެއް ފަހުން ކޭސްއަށް އެޓެންޑްވީ. ރިޕޯޓުކުރާ ކޮންމެ ކޭސްއެއްގަހެން އާއްމުކޮށް އެޓެންޑް ވަނީ އެއް މަސް ފަހުން"
ކައުންސެލާ

ކައުންސެލަރު ބުނީ ފުލުހުންނާއި ޖެންޑާގެ އަތޮޅު ތެރޭގެ ގޮފިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަދުވުމުން މިކަން މިހެން ދިމާވެދާނެކަން ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް ކުޑަކުދިންގެ އެފަދަ މައްސަލަތައް ލަސްވުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ކުއްޖާކައިރި ރައްކާތެރި މާހައުލެއް ފޯރުކޮށްދޭނެ ކަމަށް ބުނެ އެޓެންޑްވުން ލަސްވީމަ ކުއްޖާ މައްސަލަ އަބުރާލާ. އެންމެ ފަހުން ހުށައެޅި ކޭސްގަވެސް ހުރިހާ އެއްޗެއް ތަފްސީލުކޮށް ކިޔައިދިން. އެކަމު އެޓެންޑްވުން ލަސްވެ މައިންބަފައިންގެ ޕްރެޝާ ބޮޑުވެ އާއިލާއަށް ހަޑިނަމެއް ލިބިދާނެތީ އުޅުނު. އެ ކޭސް ރިޕޯޓުކުރެވުނީތީ އެ ކުއްޖާ އަމިއްލަ ސެލްފް ބްލޭމް ކުރާ ހިސާބަށް ދޭ"
ކައުންސެލާ

ސްކޫލް ކައުންސެލާސް ވަރަށް ބުރަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުދިންގެ ބަޔާންތައް ނަގާއިރު ސޯސަލް މީޑިއާގައި އެފަރާތްތަކުގެ އަބުރު ކަތިލާއިރު ކަބާބެހޭ ފަރާތްތަކަށް ފިޔަވަޅެއް ނޭޅި އަދި ރިސްކު އެލެވެންސެއް ވެސް ނުލިބޭ ކަމަށެވެ. މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ބައެއް އަތޮޅު ގޮފިތައްވެސް ވަރަށް ހާލު ދެރަ ކަމަށާއި ކައުންސެލިން ރޫމްތައްވެސް ސްކޫލުގައި ނެތުމަކީ ކުރަންވާ ވަރަށް މަަސައްކަތް ނުކުރެވޭ ކަމުގެ އެއް ގޮންޖެހުން ކަމަށެވެ.