އެކިވަރުގެ އަނިޔާދީ ގަސްތުގައި މީހުން މަރާ ވާހަކައަކީ މިހާރު ރާއްޖޭގައި އާއްމު ވާހަކައަކަށް ވަނީ ވެފައެވެ. ބައެއް މީހުން ކޮށާލައި އެއްލާލައި ނުވަތަ ޖިސްމާނީ އަނިޔާ ދީ މަރަމުން އަންނައިރު ކޮންމެ އަހަރެއްގައިވެސް އަނިޔާގެ މަރުތަކާއި ގޮތް ނޭނގޭ އެތައް މަރެއް ހިމެނެއެވެ. އެއާއެކު ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް ދައުވާކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މައްސަލަތައް ދިގުލައިގެެން ދިއުމަކީ ހިތާމަހުރި ކަމަކެވެ. މިފަދަ ބައެއް މައްސަލަތަކުގައި ގާޒީންނަށް ނުފޫޒު ފޯރުވާ ވާހަކަތަކާއި މައްސަލައިގައި ހިމެނޭ ހެކިންނާއި އެމީހުންގެ އާއިލާތަކަށް ބިރުދައްކާ ވާހަކައަކީވެސް އާންމުކޮށް ދައްކާ ވާހަކަތަކެކެވެ.

މި ނިމޭ 2021 އަކީ ވެސް، ކުރީގެ އަހަރުތަކުގައި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލައިގައި ހުކުމާ ހިސާބަށް ނުދެވި އެ މަރުތަކުގެ އެންމެ ފުންނަށް ވާސިލުނުވާ އެތައް މަރެއްގެ މައްސަލައެއް ހުރިގޮތަށް ހުރި އަހަރެކެވެ. މަރުގެ ގިނަ މައްސަލަތައް ޝަރުއީ މަރުހަލާގައި ހުރި އިރު ވާނުވާގައި އެތައް މައްސަލައެއް އެބަހުއްޓެވެ. އިންސާފު ނުލިބި، އަދި ލިބޭނެ ކަމުގެ އުންމީދެއްވެސް ނެތި އަނިޔާ ލިބުނު އާއިލާތައް ގިނައެވެ.

2021 ވަނަ އަހަރު މަރާލާފައިވާ މީހުން

  • އުދައްޔުގެ މަރު

ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މާރާލި މައްސައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ހިމެނޭހެން 4 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. 18 ދަށުގެ ކުޑަކުއްޖާ ފިޔަވާ ދެން ދައުވާ އުފުލައިފާ ވަނީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އުފުލައިފާ ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އަދިވެސް ދަނީ ކުރިއަށެވެ.

ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އ. / ފޮޓޯ: ސޯޝަލްމީޑިއާ
  • މަރާލައި ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރު

ޖޫން 20، 2021 ވަނަ ދުވަހު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރި މައްސަލަ ފުލުހުންނަށް ހުށައެޅުމުން އެ ކުއްޖާ އެ ރޭ ދަންވަރު 2:38 ހާއިރު ފެނިފައި ވަނީ ފޮއްޓަކަށްލައި އެއްލާލައިފައި އޮއްވާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދުންނެވެ. 2021 ވަނަ އަހަރު ހިންގި އެންމެ އަނިޔާވެރި އެއް މަރުގެ ގޮތުގައި މި މަރު ހިމެނޭ އިރު، މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވުމުގެ އިތުރުން މި މައްސަލައިގައި އެ ފިރިހެން ކުއްޖާއަށް މަސްތުވާ އެއްޗެއް ދީ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. 13 އަހަރުގެ މި ކުއްޖާގެ މަރުގެ މައްސަލައިގައި 27 އަހަރުގެ މީހަކާއި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލާފައެވެ.

ޒިހާންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު މީހަކު ޖިންސީ އަމަލެއް ކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖަކު ގްރޫމް ކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަކާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ 3 ދައުވާއެއް ޒިހާންގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި ޒިހާންގެ މައްޗަށް ކުރާ ދައުވާ ތަކާ އެކު އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ޕީޖީ ސަމީމް ވަނީ ވިދާޅުވެފައެވެ.

ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން

ދެން މި މައްސަލައިގައި ހައްޔަރު ކޮށްފައި ވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާފައި ވާއިރު ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެން ދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ. މިމައްސަލައިގައި ހިމެނޭ 17 އަހަރުގެ ކުއްޖާއަކީ ކޫޑަކުއްޖަކަށް ވާތީ، އޭނާ ހުރީ ގޭބަންދަށް ބަދަލުކޮށްފައެވެ.

  • އިޓަލީގައި މަރާލި ދިވެހި މީހާގެ މަރު

ސެޕްޓެމްބަރު 17، 2021 ވަނަ ދުވަހު އިޓަލީގައި މަރާލި ހދ. ނޮޅިވަރަންފަރު އިމާދު މަހުމޫދުގެ މަރާ ގުޅިގެން އެތައް ސުވާލެއްގެ ޖަވާބު އަދިވެސް ވަނީ ނުލިބިފައެވެ. އޭނާ މަރާލި ދުވަހު އިޓަލީ ގަޑިން 12 ޖަހާއިރު އިމާދުގެ އަންހެނުންގެ މަންމައަށް އޭނާ ފެނިފައި ވަނީ ގޯތިތެރޭ ގަސް ހެއްދުމަށް ޖަހައިގާ ހުރި އެއްޗެއްގައި ދަންޖެހިފާ ހުއްޓައެވެ. އިމާދު ދަންޖެހިފައި ހުރިއިރު އޭނާގެ ގައިން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް އިރު އޭނާގެ ފޯނު އޮތީ ހަލާކުކޮށްލާފައެވެ. އެ މަރާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މިހާރު އިމާދުގެ ހަނށިގަނޑު ވަޅުލައި ޣައިބަށް ވަނީ ކަށުނަމާދުވެސް ކޮށްފައެވެ.

  • ދަނގެތީ ވިޔަފާރިވެރިޔާ މަހުމޫދުގެ މަރު

އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު ގެއްލިގެން ހޯދަމުން ދަނިކޮށް އޮކްޓޯބަރު 14، 2021 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ ފެނިފައި ވަނީ އަނިޔާކޮށް މަރާލައި ބޮލަށާއި ފަޔަށް ގޯންޏެއް މަހާ ވަޅަކަށް ފައްތައިފައި އޮއްވައެވެ. އެއާއެކު ރަށުން ބޭރު ކުށުގެ ރިކޯޑް އޮތް އެ ރަށުގައި އުޅޭ ދެމީހެއްގެ މައްޗަށް ޝައްކެތް ނެތް ވަރަށް ތުހުމަތުކުރާ ކަމަށް އާއިލާއިން ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމާާއި އެ މައްސަލައިގައި ހައްޔަރުކުރި ޝާ އަލޮމް މިއާ ނަމަކަށް ކިޔާ ބިދޭސީ މީހާ ފިޔަވާ މަހުމޫދުގެ މަރުގެ މައްސަލައިގައި އެހެން އެއްވެސް މީހަކު ބައިވެރިވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ސާ އަލޮމް މިއާ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި މަހުމޫދުގެ ހަށިގަނޑުގެ 30 ތަނަކަށް އޭނާ އަނިޔާދީފައިވާ ކަމަށް ބުނެފައެވެ.

އދ.ދަނގެތީގެ ފަޅު ގެއެއް ވަޅަށް މަރާލައިފާ ފައްތާފައި އޮތް މަހުމޫދު އަބޫބަކުރު

މި މައްސަލައިގައި ސާ އަލޮމް މިއާ ލައްވާ ފުލުހުން ވަނީ މަހުމޫދު މަރާލި ގޮތް ކުޅުވާފައެވެ. މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހްމޫދަށް ހަމާލާދީފައި ކަމަށާއި އަދި އެރޭ 2 އާއި 3 އާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗަކަށް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ތަހުގީގަށް މައުލޫމާތު ދެމުން ޝާ އަލޮމް މިއާ ވަނީ އޭނާ މަހުމޫދު މަރާލީ އެކަނި ކަމަށް ބުނެފައެވެ. އެ ކަމުގައި އެއްވެސް އިތުރު މީހަކު ބައިވެރި ނުވާ ކަމަށް ވެސް އޭނާ ވަނީ އިއިތިރާފް ވެފައެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ޝާ އަލޮމް މިއާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުން ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަށް ތާވަލްކުރި ކަމުގައިވީ ނަމަވެސް އެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. މި މަރަކީ 2021 ވަނަ އަހަރު ހިންގި އަނިޔާވެރިމަރުތަކުގެ ތެރެއިން މަރެކެވެ.

  • އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސް ނަރުހުގެ މަރު

އޮކްޓޯބަރު 19، 2021 ވަނަ ދުވަހު އައިޖީއެމްއެޗްގެ ޑައިލެސިސް ޔުނިޓްގައި މަސައްކަތް ކުރާ ފިލިޕިންސްގެ ރައްުޔިތެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލައިގައި ފުރަތަމަ އަޑުތައް ފެތުރިފައި ވަނީ އޭނާ މަރުވެފައި ވަނީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. އެހެންނަމަވެސް މޭރީ މަރުވެފައި ވަނީ ދަންޖެހިގެން ނޫން ކަމަށާއި އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާ ތަކެއްގެ ސަބަބުން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގައި ނަރުހުން ގޮތުގައި މަސައްކަތް ކުރި މޭރީ ގްރޭސް

މޭރީގެ މަރާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗް އީއާރްގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާ މާވިން އާއި ހަމަ އެތާ މަސައްކަތް ކުރާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ފުލުހުން ޕީޖީއަށް ހުށައަޅާފައި ވާއިރު ޖެނުއަރީ 4 ގެ ކުރިން ގޮތެއް ނިންމާނެ ކަަމަށް ޕީޖީއިން ވަނީ ބުނެފައެވެ.

ޕިލިޕީންސް ނަރުހާއި އޭނާގެ ދިވެހި ލޯބިވެރިޔާ--

ހުކުމާ ހިސާބަށް ވާސިލްނުވެ ގިނަ ދުވަސްވެފައި ހުރި މަރުތައް:

  • މީގެ 6 އަހަރު ކުރިން މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫ ނޫވިލު، އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ޖެނުއަރީ މަހުގެ ތެރޭގައި ހުކުމަކާ ހަމައަށް ދިއުމަށް ނިންމާފައި ވާއިރު، އެ މައްސަލައިގާ 2 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
  • އޭޕްރީލް 23، 2017 ގައި ތޫނު އެއްޗަކުން ހަމަލަދީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ 6 މީހެއްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައެވެ. މި މަހުގެ ތެރޭގައި އެ މައްސަލައިގާ ހުކުމް ކުރަން ނިންމައިފާ ވަނިކޮށް ޔާމީންގެ ހުކުމް ކުރުން އާއިލާއިން އެދިގެން ވަނީ ފަސްކޮށްފައެވެ.
  • ޖޫން 16، 2017 ހއ. އިހަވަންދޫގެ އައިސް ޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ) އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ، އެތަނުގައި މަސައްކަތްކުރި ބިދޭސީ މީހެއް ކަމަށްވާ ސުމޮން މިއާ ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެެފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އޭނާއަށް އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ބުނެފައެވެ.
  • ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޖުލައި 31، 2017 ގައި މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ 7 މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އޭގެ އިތުރުން އެ މަރުގެ މައްސަލައިގައި އޭރު 17 އަހަރުގެ ކުޑަކުއްޖަކަށްވެސް ދައުވާ ކުރިއެވެ. އެހެންނަމަވެސް ހެކިންގެ ހެކިބަހުންނާއި ހުށަހަޅާފައިވާ ގަރީނާތަކުން، ހާދިސާ ހިނގި ވަގުތު އެކުއްޖާ އެ ތަނުގައި ހުރިކަން ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ މި އަހަރު ތެރޭގައި ހުކުމް ކޮށްފައެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭ އަނަސް އަށް ހަމަލާދީފައިވާ ތަން
  • އޮގަސްޓް 31، 2018 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގާ ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ 2 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ.
  • ޑިސެންބަރު 4، 2019 ވަނަ ދުވަހު އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު، އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން މަރުގެ މައްސަލާގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ޅ.ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މީގެ ކުރިން ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް އޭގެ ފަހުން އޭނާ އަންނަނީ އެކަމަށް އިންކާރު ކުރަމުންނެވެ.

މިފަދަ ކޮންމެ މަރަކީ އެ މަރަކަށް އިންސާފު ލިބެން ކޮންމެ މީހަކުވެސް ބޭނުންވާނެ މަރެކެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް އެންމެ ބޮޑެތި މައްސަލަތައް ތަހުގީގު ކޮށްދެއްވާނެ ކަމުގެ އުންމީދު ދެއްވައި ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ވަނީ މަރުތަކާ ބެހޭ ކޮމިޝަން އުފައްދަވައިފައެވެ. އެ ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ބެލީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. އެހެންނަމަވެސް އެކަމުގެ ކޮޅެއް މެދެއް އަދި ފެންނަ ގޮތެއް ވަނީ ނުވެފައެވެ.