މިދިޔަ 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ މި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ. މި ހަމަލާއާ ގުޅިގެން ދައުލަތުގެ ހުރިހާ ނިޒާމެއްގެ "ފޯކަސް" އެ ހަމަލާއަށް ހުއްޓިގެން ދިޔައެވެ. އެހެން ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ހަމަލާ ދިން މީހުންގެ ފަހަތުން ދައުލަތުން ގޮސް 10 މީހަކު ހައްޔަރު ކުރިއެވެ.
ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ނުދިޔައީ ކިރިޔާއެވެ. ލިބިވަޑައިގެންނެވި އަނިޔާތަކުގެ ތެރޭގައި ހިތްޕުޅާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ފުއްޕާމޭ ފޫއަޅާ، ހިތްޕުޅަށް ނުވަދެ ހުރީ މޭ ކަށިގަނޑެއްގައި ޖެހުމުން ކަމަށް ނަޝީދަށް ޑޮކްޓަރުން ބުންޏެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުގެ 1 ސެންޓިމީޓަރު ތިރިޔަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތްޕުޅުގެ ތެރެއަށް ރޭޒާފުއް ވަންނާނެ ކަމަށް ކަށީގެ ޑޮކްޓަރު ޑރ. ހުސައިން ޝަކީލް ވަނީ ވދާޅުވިއެވެ. ޑރ. ޝަކީލް އިތުރަށް ވިދާޅުވެފައި ވަނީ ހަށިކޮޅުގެ ތެރެއަށް ރޭޒާފުއް ތައް ވަދެފައި ވަނީ ވާތްޕުޅު ފަރާތުން ކަމަށާއި ރޭޒާފުއް ވަދެފައި ވާ އިރު ފުއްޕާ މޭ ފޫއަޅާ ގޮސް ޖެހިފައި ހުރި ކަށިގަނޑު ހަލާކުވެ ކަށިގަނޑުގެ އެތިކޮޅުތައް ފުއްޕާމެއަށް ހެރިފައި ހުރި ކަމަށެވެ.
ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައި ހުރި ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާފުއް ވާއަތްޕުޅުގެ އުޅަނބޮށި ހުޅާއި އަދި ވާއަތްޕުޅު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިކޮޅުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަ ކުރައްވާފައެވެ.
މި ހަމަލާގައި ލިބިވަޑައިގެންނެވިި ޒަހަމްތަކަށް ރައީސް ނަޝީދު ފުރަތަމަ ފަރުވާ ހޯއްދެވީ އޭޑިކޭއިންނެވެ. އަދި އޭގެ ފަހުން ޖަރުމަންވިލާތުގެ އިތުރުން އިނގިރޭސިވިލާތުން ވެސް އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ.
ހަމަލާ އާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، 6 މީހަކަށް ދައުވާ ކޮށް އެކަކަށް ހުކުމް
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ. ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަ މީހަކަށް ވަނީ ދައުވާ ކޮށްފައެވެ.
މިގޮތުން ދައުލަތުން ދައުވާ ކުރީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އިއުތިރާފު ވި ވ. ތިނަދޫ ހިޔާ، އަދުހަމް ރަޝީދާއި އެކަމުގައި އެކި ގޮޮތްގޮތުން ކަމަށް ތުހުމަތު ކުރެވޭ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
އިސްހާގުގެ މައްޗަށް ކުރަނީ ގޮވާތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއްގައިި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ފަހުމީ އާއި ހައިޝަމްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ ކުރާއިރު، ގޮވާތަކެތި އެހެން ތަނަކަށް ގެންދަން އެހީވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ވެސް ހައިޝަމްގެ މައްޗަށް ކުރެއެވެ.
އަދުހަމް 23 އަހަރަށް ޖަލަށް
އަދުހަމްއަށް ހުކުމް ކުރުމުގެ ޝަރީއަތް މިމަހު 14 ވަނަ ދުވަހު ބޭއްވި އިރު އޭނާ ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައެވެ. ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެފައިވާ ގޮތުން އަދުހަމްގެ މައްޗަށް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަދުހަމް ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 21 ދުވަހެވެ. އެ މުއްދަތަކީ އޭނާ ޖަލުގައި ހޭދަކުރި 221 ދުވަސް، 23 އަހަރުގެ ހުކުމް އުނިކުރުމަށް ފަހު ބާކީވާ މުއްދަތެވެ. އޭނާ ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ނުހެދި ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެއެވެ.
އަދުހަމް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދެވުނީ ދީނީ ގޮތުން ގަބޫލު ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެ އެކަމަށް މައާފަށް އެދުމުގެ އިތުރުން އެފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އަދުހަމްގެ މައްޗަށް 4 ދައުވާއެއް އުފުލިއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.
ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، އެ ސައިކަލު މަޖީދީ މަގާއި ކެނެރީ ގޯޅި ގުޅޭ ހަރަތު އަނގޮޅި ކަންމަތީގައި ބައްހައްޓައިގެން ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ.
ފަންޑު ކުރީ ކޮން ބައެއް؟
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އަދިވެސް ގިނަ ބައެއްގެ ހިތުގައި އުފެދޭ އެއް ސުވާލަކީ ފަންޑު ކުރީ ކޮން ބައެއް ހެއްޔެވެ؟ މިއީ ރައީސް ނަޝީދު ވެސް މިހާރު ވެސް އަބަދު ވެސް އައްސަވާ އެއް ސުވާލެވެ. ރައީސް ނަޝީދު ވެސް މިކަމާ ގުޅިގެން ވިދާޅުވަނީ ފަންޑު ކުރި މީހާ ހޯދަން އަނެއްކާވެސް އެމްއެމްއޭ އާއި އެންސީޓީސީ (ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު) ގައި އެހުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ހަބަރު ލިބިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ.
ނަޝީދަށް ދިން ހަމަލާގައި ފަންޑު ކުރީ ކޮންބައެއްތޯ ސިފައިންނާއި ފުލުހުން ކުރެން ނޫސްވެރިންވެސް އެތައް ފަހަރަކު އަހައިފިއެވެ. ނަމަވެސް އެސުވާލުގެ ޖަވާބު އަދިވެސް އޮތީ ފޮރުވިފައެވެ.
"އިންސައިޑް ޖޮބެއް"؟
ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއަކީ "އެތެރެއިން ހިންގާފައިވާ އަމަލެއް ކަމުގެ 90 ޕަސެންޓް ޔަގީން ކަން އެބަ އޮތް" ކަމަށް ނަޝީދުގެ އަންހެން ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީރާ ވަނީ އެ ހާދިސާ ހިންގި އިރު ބޮޑީ ގާޑުން ކޮބާތޯ ސުވާލު ކުރައްވާފައެވެ. އަދި ބޮޑީގާޑުން ރައީސް ނަޝީދުގެ ކާރު ޗެކް ނުކުރީ ކީއްވެތޯ ވަނީ ސުވާލު ކުރައްވާފައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ހަމަލާގައި ސަރުކާރުގެ ބައިވެރިވުން އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ހަމަލާ އާ ގުޅިގެން މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުވާ ފާޑުކިޔުން ގިނަވިއެވެ. މާރިޔާގެ އިސްތިއުފާއަށް ގޮވާފައި ވާއިރު، ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓްރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާއި، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެން އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރެއްވި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވި ނަމަވެސް އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާއިރު ފާޑު ކިޔުން އިތުރުވިއެވެ.
އިންކުއަރީ ރިޕޯޓު
ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ނިންމާ ރިޕޯޓްގެ ބައެއް ބައިތައް އާންމުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެއްވެސް ބައެއް އުނިނުކޮށް އޮތް ރިޕޯޓުގެ ކޮޕީ ދައުލަތުގެ ތިން ބާރުގެ ވެރިންނާ ހިއްސާކުރީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
މަޖިލީހުގެ 241 ކޮމިޓީން ތައްޔާރުކޮށް އާންމު ކުރި ރިޕޯޓުގައި ވަނީ ރައީސް ނަޝީދަށް ހަމަލާއެއް އައިސްދާނެ ކަމުގެ އިންޒާރުތައް ލިބެމުން އަންނަ ކަން ފާހަގަ ކޮށްފައެވެ. އަދި އެ އިންޒާރުތައް އެނގި ހުރެ ސަލާމަތީ ބާރުތަކުން ކަން ކޮށްފައިވާ ގޮތާއި މައުލޫމާތު ހިއްސާ ކުރުމުގައި ހުރި ލޫޕްހޯލްތައް ވެސް ފާހަގަ ކޮށްފައެވެ. އެގޮތުން ދައުލަތުގެ އިދާރާތަކާއި އިސްވެރިންގެ އިހުމާލު އޮތް މިނަވަރުވެސް އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެ ރިޕޯޓުގައި ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ކަންކަމާ ގުޅޭ ގޮތުގެ ސަބަބުން 29 ރިކޮމެންޑޭޝަނެއް ހުށަހަޅާފައި ވެއެވެ. ހަމައެއާއެކު ފައިނޭންޝަލް ކަންކަމާ ގުޅުން ހުރި 6 ރިކޮމެންޑޭޝަންއަކާއި ރައީސް ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް 10 ރިކޮމެންޑޭޝަނެއް ވަނީ ހުށަހަޅާފައެވެ.
ރިޕޯޓުގައި ޖުމްލަ 45 ރިކޮމެންޑޭޝަނެއް ހުށަހަޅާފައި އޮތް އިރު އޭގެތެރެއިން 38 ހުށަހެޅުމަކަށް އަމަލުކުރަމުން ދާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެއީ ކޮން ރިކޮމެންޑޭޝަންތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.
މި ހަމަލާ ނިއުޅެމުން ގޮސް މިއަދު އާދެވިފައިވާ މި ތިބި ހިސާބާ ގުޅޭގޮތުން ރައީސް ނަޝީދުގެ ކޮމެންޓެއް ހޯދުމަށް "ދަ ޕްރެސް" އިން މަސައްކަތް ކުރި ނަމަވެސް ނަޝީދު މިވަގުތު ކޮމެންޓެއް ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ.
ނަޝީދު ބޭސްފަރުވާ އާއި ޖެންގާ ހުންނެވުމަށް 2.3 މިލިއަން ރުފިޔާ
ރައީސް ނަޝީދު ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރެއްވުމަށާއި އޭގެ ފަހުން ރާއްޖެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވުމަށް މިހާތަނަށް 2.3 މިލިއަން ރުފިޔާ ހަރަދު ވަނީ ހަރަދުކޮށްފައެވެ.
މިގޮތުން އެންމެ ބޮޑަށް ހަރަދުވެފައި ވަނީ ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ކުރެއްވި ބޭސް ފަރުވާއަށެވެ. ދެން އެންމެ ބޮޑު ހަރަދެއް ހިނގީ މާލެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވި 21 ދުވަހަށެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ބޭސްފަރުވާ ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ސަރުކާރުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ ޖޫން މަހު ހަރަދު ކުރި 610،601 ރުފިޔާ އާއި އޯގަސްޓު މަހު ހަރަދު ކުރި 319،767 ރުފިޔާ އާއި ސެޕްޓެމްބަރު މަހު ހަރަދު ކުރި 570،172 ރުފިޔާއެވެ. އޭގެ އިތުރުން ޖަރުމަން ވިލާތުގައި ބޭސްފަރުވާ ކުރެއްވުމަށް 164،601 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
ބޭސްފަރުވާ ކުރެއްވުމަށް ފަހު އޮކްޓޯބަރު މާލެ ވަޑައިގެން ކޮޕް26 އަށް ފުރާވަޑައިގަތުމާ ހަމައަށް ހޮޓެލް ޖެންގައި ނަޝީދު ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާގެ މަގުން 21 ދުވަހަށް 698،168 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
އެމަނިކުފާނު ޖެންގައި ހުންނެވީ އެމަނިކުފާނު ހުންނެވުމަށް ދައުލަތުން ކަނޑައެޅި ވަގުތީ ގެކޮޅުގެ މަސައްކަތް ނުނިމޭތީ ސެކިޔުރިޓީ ސަބަބުތަކަށް ކަމަށް ބުންޏެވެ.
މިދިޔަ ނުވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ހަމަޖައްސާފައިވާ ވަގުތީ ގެކޮޅު، މުރައިދޫގެއަށް ބަދަލުވެ ވަޑައިގެންފައެވެ. އަދި މުރައިދޫގެ ހިމެނޭ ސަރަހައްދުގައި ރަތް ރޮނގު ދަމާ މަޑުކުރުން މަނާވާ ގޮތަށް ހެދި އިރު އެއީ ރާއްޖޭގައި އެ ގޮތަށް ރަތް އޮނގު ދެމި ފުރަތަމަ މަގެވެ.
މަމެންނަށް އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އެއީ އިންޑިއާ އައުޓް ލިޔުމާއި ގުޅޭ އާރޓިކަލްސްއޭ ނޫސްވެރިންނަށް ނޭގުނު ނަމަވެސް ދިވެހިރައްޔިތުންގެ ވިންދާއި މިއަދު ގުޅިފައިވާ ކަމެކޭ އިންޑިއާ އައުޓް ހަރަކާތަކީ އިންޑިއާ އައުޓް މަހްފޫމަކީ އެއީ ހަމައެކަނި އިންޑިއާ މިލިޓަރީ އައުޓް ވުމެއް ނޫނޭ އެއަށް ވުރެން ފުޅާ ދާއިރާ އެއްގައޭ އެކަން ދާނީ ރިސޯރޓް ތަކުގައި ތިބި އިންޑިއާ ލަންކާ މީހުން ވެސް ޖެހޭނީ އައުޓްވާން ދިވެހިންނަށް އެފުރުސަތު ދޭން ޖެހޭނީ އަދި ރާއްޖޭގައި އެސްޓީއޯ އާއި ސަރުކާރުގެ މިނިސްޓަރުންނާއި ގުޅިގެން ވަގު ވިޔަފާރި ކުރާ އިންޑިއާ ގެ އެމްއެމްއެކްސްޕޯރޓާއި އަދި ސަންކެންލަންކާ ވެސް ޖެހޭނީ އައުޓްވާން ދިވެހި އިގްތިސާދުގެ ފުލް ކޮންޓްރޯލް ދިވެހިންގެ އަތްމައްޗަށް ގެންނަން ޖެހޭނެއޭ މީއޭ އިންޑިއާ އައުޓަކީ އަދި ވެސް އަދިވެސް ވަރަށް ގިނަ ކަންކަން ހުންނާނެއޭ އިންިޑއާ އައުޓާއި ގުޅިގެން އެސްބީއައި ވެސް ޖެހޭނީ ބޭރުވާން...
ގައުމުގެ ހާލަތު އެންމެ ރީއްޗަށް އަންގައިދެނީ ރައީސް ޔާމީން މިނިވަން ވުމާއި އެކު އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ މިސަރުކާރުން ވިއްކާލާފަިއ އޮތް ވިއްކާލުމޭ މިއިން އަންގާ ދެނީ އެއީ ރައްޔިތުންގެ މަޖްލީސް އެއީ އުވާލަން ޖެހޭ ތަނެއް ކަން ދެން މިރާއްޖޭގައި އިންގިލާބީ ހަރަކާތް ނިމޭއިރު ރައްޔިތުންގެ މަޖްލީހެއް ނޯންނާނެއޭ ފާސް ކުރަން ޖެހޭ ގާނޫނެއް ނަމަ ސަރުކާރުން އެފަދަ ގާނޫނެއް އުފައްދާ އެއަށް ކެމްޕެއިން ކުރުމަށް ފަހު ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެކޭ ނަގަން ޖެހޭނީ ނަގާ ވޯޓް އިން ވޯޓް ލީމީހުންގެ %75 ވޯޓް އެފަދަ ގާނޫނަކަށް ލިބެން ޖެހޭނެއޭ ސަރުކާރުން ހަދާ ގަވާއިދު ތައް ވެސް ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ފާސް ކުރާށޭ އެވަރަށް ސަރުކާރު ޖެހޭނީ ޕްރޮއެކްޓިވް ކޮށް މަސައްކަތް ކުރަން މިކަން ކުރަން ޖެހޭނެއޭ އިންގިލާބީ ހަރަކާތުން މީ ސީދާ އިންގިލާބު ގެނައުމަކީ...