މީދާ ފަދަ ޖަނަވާރުން ޖެހޭ 'ސްކްރަބް ޓައިފަސް' ނުވަތަ 'ސެއްޅި ރޯގާ'، ޗުއްޓީ ތެރޭގައި ގިނަ ވެދާނެ ކަމުގެ އިންޒާރު އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިސަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ދެއްވައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ މި ރޯގާ ޖެހެނީ މީދާ ފަދަ އެއްޗެހީގައި އުޅޭ ސެއްޅިއެއްގެ ޒަރީއާއިން ކަމަށާއި އެ ސެއްޅި ވަލުތެރޭގައި ހުންނަ ތިރި ގަސްތަކުގައި ވެސް އުޅޭ ކަމަށެވެ. އަދި އެ ސެއްޅި ހަފަނީ ހަށިގަނޑުގެ ފޮރުވިފައި ހުންނަ ތަންތަނުގައި ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މިއަދު ވެސް މި ރޯގާ ޖެހިގެން ރަށަކުން ކުޑަކުއްޖަކު މާލެ ގެނައި ކަމަށާއި މިއީ މި ޗުއްޓީގައި އައިޖީއެމްއެޗްއަށް ގެނައި ފުރަތަމަ ކުއްޖާ ކަމަށެވެ.
މި ރޯގާގައި ފަރުވާ ނުދެވި މީގެ ކުރިން މީހުން މަރުވިކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ މިހާރު މި ބައްޔަށް ރަށްރަށުންވެސް ފަރުވާ ކުރެވޭނެ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ސްކޫލު ޗުއްޓީގެ މި ދުވަސްވަރު، މި ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެއީ މި ދުވަސްވަރު ރަށްރަށަށް ދަތުރުކުރާ މީހުން ގިނަވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ ސެއްޅި ހެފިކަމުގައި ވީނަމަވެސް އެ ލަކުނު ފެންނަނީ 50 ޕަސެންޓް މީހުންގެ ގައިން ކަމަށާއި އެހެންނަމަވެސް މި ރޯގާ ގެ އާންމު އަލާމަތްތަކުގެ ތެރޭގައި ހުން އައިސް ގޮއްލުން ހިމެނޭ ކަމަށެވެ. އަދި މި ރޯގާގައި ބޮޑުވަރު ވެ ބައެއް ކުދިން ނޭވާލުމަށްވެސް އުނދަގޫވާކަން ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ފައިސަލް ވިދާޅުވީ މި ރޯގާއަށް ގޭގައި ދެވޭނެ ފަރުވާއެއް ނެތް ކަމަށާއި އެހެންނަމަވެސް ވާ ފަދަ ތަން ތަނަށް ދާއިރު ރައްކާތެރިވުމުގެ ގޮތުން ރަނގަޅަށް ގައި ފޮރުވޭ ގޮތަށް ހެދުންލުމާއި ގެއަށް އައިސް ފެންވަރާ ސާފުތާހިރުވާން ވާނެ ކަމަށެވެ.
ފައިސަލް ވަނީ މި ރޯގާ އަކީ ޗުއްޓީއާ ދިމާކޮށް ކުރިންވެސް ފެންނަމުންދާ ރޯގާއެއް ކަމަށާއި ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ފަރުވާ ހޯދުމަށް އިރުޝާދު ދެއްވާފައެވެ.