ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ހޮޅި ހިމެނޭޙެން 13 ބާވަތެއް އަންނަ އަހަރުން ފެށިގެން ރާއްޖޭގައި މަނާވާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއި ކުރައްވައި ގެޒްޓްގައި އާންމު ކޮށްފައިވާ "ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ގަރާރުގައި ބުނެފައިވަނީ ޕްލާސްޓިކް އާއި ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެއްހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ ވަކި ތާރީހަކުން ފެށިގެން މަނާ ކަމެއް ކަމަށެވެ.

އެގޮތުން ތަފާތު 4 ތާރީހަކުން ފެށިގެން ވަކި ބާވަތް ބާވަތުގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން ވަނީ މަނާކޮށްފައެވެ.

ޖޫން 1، 2022 ވަނަ ދުވަހުން ފެށިގެން އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރު ކުރަން ބޭނުން ކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ
  • 250 މިލިމީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން

ޖޫން 1، 2022 ދުވަހުން ފެށިގެން އުފެއްދުން މަނާ އަދި ސެޕްޓެމްބަރު 1، 2022 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން
  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

ޑިސެމްބަރު 1، 2022 ފެށިގެން އުފެއްދުން މަނާ އަދި މާޗް 1، 2023 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)
  • 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން

ޑިސެމްބަރު 1، 2023 ފެށިގެން އުފެއްދުން މަނާ އަދި މާޗް 1، 2024 ދުވަހުން ފެށިގެން ބާޒާރަށް ނެރުން މަނާ ކޮށްފައިވާ ޕްލާސްޓިކްގެ ބާވަތްތައް:

  • ރާއްޖޭގައި އުފައްދާ އަދި ބޭނުން ކުރާ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން

ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުން މަނާކުރާ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ. އެ ބިލަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ (ގާނޫނު ނަމްބަރު: 4-1993) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ.