މާލޭ ރައްޔިތުންނަށް ހާއްސަކޮށް ހުޅުމާލޭންނާއި ގުޅީފަޅުން 4،000 އެއްހާ ގޯތި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މީހުން އާބާދުވެފައިވާ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލުނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ ހަވާލުކުރި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން، ކުރަން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ.

އެގޮތުން، މި ވާހަކަ ތަކުރާރުކޮށް ދައްކާ މާލޭގެ ރައްޔިތުން ތިބި ކަމާއި، ސިޔާސީ ބޭނުންތަކުގައިވެސް މި ވާހަކަ ދައްކާ މީހުން ތިބިއިރު، އެ ހުރިހާ ވާހަކައެއްގެ އަޑުވެސް ސަރުކާރުން ދިޔައީ އަހަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ހަގީގަތުގައިވެސް މީ ބޮޑުކަމެއްގެ ގޮތުގައި މި ވާހަކަ ދައްކާ ރައްޔިތުން އެބަތިބި"

އެއާއެކު، ރައީސް ވިދާޅުވީ، އެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ސަރުކާރުން ދެން ނިންމާފައިވަނީ 1،000 ގޯތި ނޫން ކަމަށާއި، ނަމަވެސް އޭގެ ހަތަރު ގުނަ (4،000) ގޯތި ސަރުކާރުން ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގޯތި ދޭނީ ގުޅީފަޅުން އެކަންޏެއް ނޫން. ހުޅުމާލޭންވެސް ގޯތި ލިބޭނެ، އަދި އެހެން ފަޅުތަކުންވެސް ލިބޭނެ." ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ، ވިނަރެސް މަޝްރޫއުގެ ދަށުން މިހާރުވެސް ހުޅުމާލޭގައި 5،000 ފްލެޓުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.