އދ. މާފުށިވަރު ރިސޯޓުގައި ގަވައިދާ ހިލާފަށް މަސައްކަތް ކޮށްފައި ވާތީ ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ އެރިސޯޓު ޖޫރިމަނާ ކޮށްފައި ވަނީ ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްއިން މާފުށިވަރު ރިސޯޓް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައި ވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އެއޭޖެންސީއިން މިމަޝްރޫއަށް ދޫކުރި ހުއްދައާ ހިލާފަށް މަސައްކަތް ތަކެއް ކޮށްފައި ވާތީ ކަމަށެވެ.

މިގޮތުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ގެދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު ގެ16 ވަނަ މާއްދާގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ޖުމްލަ 402,500 ދިވެހި ރުފިޔާއިން ޕެރެޑައިސް ރިސޯޓް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައި ވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ މިޖޫރިމަނާ ފައިސާ އީޕީއޭއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ.