ރާއްޖޭގައި ގާއިމްކުރާ އެންމެ ފުރަތަމަ އެއާޓްރެފިކް ޓަވާ ސިމިއުލޭޓާ އެމްއޭސީއެލް އިން ހުޅުވައިފިއެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު ސިމިއުލޭޓާ ގާއިމް ކުރުމާއެކު، ވީއައިއޭ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ އެއާޓްރެފިކް ކޮންޓްރޯލްގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީން ކުރުމަށް އެމްއޭސީއެލުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެން ދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ، ޒަމާނީ އެންމެ ފަހުގެ ޓެކްނޮލިޖީއާ އެކު ގާއިމް ކޮށްފައިވާ މި ސިމިއުލޭޓާއިން ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތަކާ އެއްގޮތައް ގިނަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

މީގެ އިތުރުން، ވީއައިއޭގައި ތަރައްގީ ކޮށްފައި ވާ އާ ރަންވޭގެ އޮޕަރޭޝަނަށް އެއާޓްރެފިކް ކޮންޓްރޯލް މުވައްޒަފުން އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ތަމްރީންތައް ވެސް މި ސިމިއުލޭޓާއިން ކުރިއަށް ގެންދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިހާރު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓަވާ ކޮންޓްރޯލް ޓްރެއިނިން އަދި އެއާޕޯޓްގެ އާ ރަންވޭއަށް އަހުލުވެރިވުމުގެ ތަމްރީން ޕްރޮގްރާމްތައް ރާއްޖެއިން ބޭރުން ކުރިއަށް ގެންދާނަމަ 6.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ނަމަވެސް މި ސިމިއުލޭޓާސިސްޓަމާ ގާއިމް ކުރުމާއެކު، މި ހަރަދަކީ ކުންފުންޏަށް ސަލާމަތް ކުރެވިފައިވާ ހަރަދު ކަމަށާއި އެހެންކަމުން މިއީ، ދެމެހެއްޓެނިވި ގޮތުގައި އެއާޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީން ކުރުމަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ސިމިއުލޭޓާ ސަޕްލައިކޮށް އިންސްޓޯލް ކޮށްފައި ވަނީ އެއާޓްރެފިކް ކޮންޓްރޯލް އަދި އެއާ ޑިފެންސް ސިމިއުލޭޓާތައް އިންސްޓޯލް ކުރުމުގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ މައިކްރޯ ނޭވާއިން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. މިހާރު ސިމިއުލޭޓާއިން އެއާޕޯޓް ރަންވޭގެ 240 ޑިގްރީ ފެނުނު ނަމަވެސް 280 ޑިގްރީއަށް ބޮޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މިސިމިއުލްޓާ ފަރުމާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ އާޕޯޓްތަކަށް ބިނާކޮށްފައި ކަމަށާއި ވީއައިއޭގެ މުޅި އޭރޯޑްރޮމް ވަރަށް ތަފްސީލްކޮށް ދައްކުވައި ދޭގޮތަށެވެ.