އޭސީސީގެ ބާކީ ތިބި މެންބަރުންވެސް އިސްތިއުފާ ދެއްވައި، އެ ކޮމިޝަނުގެ ބޯޑު އެއްކޮށް ހުސްވެއްޖެއެވެ.

މިއަދު، އެކޮމިޝަންގެ ބާކީ ތިބި މެންބަރުން ކަމަށްވާ، ރައީސް މަރިއަމް ޝިއުނާ އާއި، ފާތިމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮމިޝަންގެ ބާކީ ތިބި މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ، އެ މެންބަރުން ވަކިކުރުމަށް ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނިކޮށެވެ.

މަޖިލީހުން އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން، އޭސީސީގެ މެންބަރުކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ މުހައްމަދު ޝަކީލާއި، އަލީ އަޝްރަފްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހުއެވެ. އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށް އެ އޮޑިޓުގައި ވެއެވެ.

މިދިޔަ މަހުގެ 29 ގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ.