އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވާއިރު، މިއަދުގެ ވަގުތެއްގައި 1.3 މިލިއަން ފަތުރުވެރިން ހަމަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރު ސަރުކާރުން އެންމެ ފުރަތަމަ އަންދާޒާކުރީ އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. ނަމަވެސް އޮކްޓޯބަރު މަހު އެ އަމާޒަށް ވާސިލުވެފައި ވުމުން، ސަރުކާރުން ދެން އަމާޒުހިފީ މި އަހަރު ނިމުމުގެ ކުރިން 1.3 މިލިއަން ފަތުރުވެރިން ހަމަކުރުމަށެވެ.

މިއަހަރުގެ މިހާތަނަށް 1،294،492 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، 1.3 މިލިއަން ހަމަ ކުރުމަށް ބޭނުންވަނީ 5،508 ފަތުރުވެރިންނެވެ.

ހަމަ އެހެންމެ، އަހަރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، އިއްޔެ ރާއްޖެއަށް 7،098 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަދު ބުނެފައެވެ.

މިއީ ކޮވިޑަށް ފަހު ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އަދި މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

އޭގެ ކުރިންވެސް މި މަހު ތިން ދުވަހެއްގައި 6،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. އެގޮތުން މިމަހުގެ ފަސްވަނަ ދުވަހު 6،296 ފަތުރުވެރިން އައި އިރު، 18 ވަނަ ދުވަހު 6،955 ފަތުރުވެރިން، އަދި 19 ވަނަ ދުވަހު 6،715 ފަތުރުވެރިން އައިސްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަން ފަށާފައިވަނީ މިއަހަރުގެ ފަހު ހަ މަސްދުވަހުން ފެށިގެންނެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގައެވެ. މިދިޔަ މަހު 144،725 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދުވާލަކު އެވަރެޖްކޮށް 4،824 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.