ތޫނު އެއްޗަކުން ހަމަލަދީ ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހުކުމް ކުރުން އާއިލާއިން އެދިގެން ފަސްކޮށްފިއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން:

  • އިސްމާއީލް ރަޝީދު، މ. ތާއިފް
  • މުހައްމަދު ދިފްރާން، ސިންދުބާދުގެ / ގދ. ގައްދޫ
  • އިސްމާއީލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ
  • އަހުމަދު ޒިހާން އިސްމާއީލް، ހ. އިރާސްމިކުގެ
  • ހުސައިން ޒިޔާދު، އީސްޓް / މ. ކޮޅުފުށި
  • ހަސަން ޝިފާޒް، މ. ކުދެހި

މި ހަ މީހުންގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ޔާމީން މަރާލާފައިވަނީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލަދީގެން ކަމަށް ވާއިރު، އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހެރުމުގެ އިތުރުން އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ވަނީ ދީފައެވެ.

އެންމެ ފަހުންވެސް ޔާމީންގެ މަރުގެ މައްސަލާގައި އަޑުއެހުމެއް ބާއްވާފައިވަނީ، މިދިޔަ މަހުގެ 18 ގައެވެ. އެ އަޑުއެހުމުގައި ދެ ފަރާތުންވެސް ހުލާސާ ބަޔާން އިއްވުމުން، މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ 30 ދުވަސް ތެރޭގައި ހުކުމް ކުރައްވާނެ ކަމަށެވެ.

ހުލާސާ ބަޔާން އިއްވާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި ހުކުމްކުރަން ޖެހޭނެ ކަމުގައިވެސް ގާނޫނުގައި ބުނެފައިވެއެވެ. ނަމަވެސް ޔާމީންގެ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑު އެހުމުގައި ބައިވެރިނުވެވޭނެތީވެ، ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ވަނީ ފަސްކޮށްފައެވެ.