އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ވަކިކުރަން ފާސްކޮށްފައި ވަނީ އޭސީސީގެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާތިމަތު އަނޫލާ އަދި މެންބަރު އާއިޝަތު އަބްދުﷲ އެވެ.

މި ތިން މެންބަރުން ވަކި ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހަޅާފައި ވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. މި ހުށަހެޅުން ފާސް ކޮށްފައިވަނީ ފަސް މެންބަރުންގެ ވޯޓުންނެވެ. މި ކޮމިޓީގައި 8 މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށް ފަހުއެވެ. އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށް އެ އޮޑިޓުގައި ވެއެވެ.

މިދިޔަ މަހުގެ 29 ގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ.