ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެހެންނަމަވެސް މިއީ ކިހާ މުއްދަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެނގިފައެއް ނުވެއެވެ. އަދި ހޮޓެލް ޖެންގައި ހުންނެވުމަށް ސަރުކާރުން ވަނީ 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަންދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވިި ޒަހަމްތަކަށް ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު 11 ވަނަ ދުވަހެވެ. ރާއްޖެ ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ. އެތަނުގައި އެމަނިކުފާނު ހުންނެވުމަށް ހަރަދު ކޮށްފައި ވަނީ ސަރުކާރުންނެވެ.

އެހެންނަމަވެސް މިހާރު ރައީސް ނަޝީދު ދިރިއުޅުއްވަނީ އެމަނިކުފާނަށް ހަމަޖައްސާފައިވާ ވަގުތީ ގެކޮޅު، މުރައިދޫގޭގައެވެ. ނަޝީދުގެ ދެ ދަރިކަނބަލުން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތައް ނިންމާލާއި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޖަލްސާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ މަޖިލިހުގައި ތަގުރީރު ކުރެއްވުމަށް ބޭއްވި ޖަލްސާއެެވެ. ހަސީނާ، މަޖިލީހުގައި ތަގުރީރު ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.