ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ވެސް ކެންޑިޑޭޓަކު ނެރެން ނިންމާ އެކަން އިއުލާނު ކޮށްފިއެވެ.

އެމްޓީޑީ ޕާޓީން ބުނީ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މީހުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މި މަހުގެ 27 ވާ ހޯމަ ދުވަހުގެ ހަވީރު 5 ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ.

އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.

އެމްޓީޑީއިން ވަނީ ބައި އިލެކްޝަންގައި ބައިވެރިވުމަށް އެ ޕާޓީގެ އީމެއިލް އަށް މެއިލްކުރަން އެދިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމް އާއި އެމްޑީޕީން އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެން ނިންމާ ކެންޑިޑޭޓުންވެސް ވަނީ ފައިނަލް ކޮށްފައެވެ.

ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދީފައިވާއިރު އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް ދީފައިވަނީ އަބްދުލް ހަންނާން އިދުރީސްއަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.