ކުރީގެ ނައިބް ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)ގެ ރައީސް އަހްމަދު އަދީބް ހާލު ސީރިއަސް ވެ އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޓީޑީ އިން ބުނީ، މިހާރު އަދީބް އެޑްމިޓްކޮށްފައި އޮތީ އައިޖީއެމްއެޗްގައި ކަމަށާއި އިތުރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އަދީބުގެ ހާލަތުގެ ސީރިއަސްކަން ދެނެގަނެ، އޭނާގެ ހާލާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުނެއެވެ. މި ގޮންޖެހުން ބޮޑު ދަނޑިވަޅުގައި އެ ޕާޓީގެ ވިސްނުމާއި ދުއާ އޮތީ އަދީބާއި އެ އާއިލާއާއެކުގައި ކަމަށް އެމްޓީޑީން ބުނެއެވެ.
އަދި އޭނާގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އަޕްޑޭޓްތައް ލިބެން ފެށުމުން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް އެމްޓީޑީން ބުނެއެވެ. އަދީބުގެ ހާލަތު އިވެލުއޭޓްކޮށް ދޭންޖެހޭ ފަރުވާތައް ފޯރުކޮށްދިނުމުގެ މަސައްކަތް މެޑިކަލް ޓީމުން ދަނީ ވަރަށް ބުރަކޮށް ކުރަމުން ކަމަށް ވެސް އެމްޓީޑީން ބުނެއެވެ.
އަދީބު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ނާރުގެ ބައްޔަކަށް ކަމަށް އެ ޕާޓީން ބުނެއެވެ. މި ބަލި ޖެހިފައި ވަނީ، 2015 އިން 2018 އަށް ބޭސްފަރުވާއިން މަހްރޫމުކޮށް އައިސޮލޭޝަން ޖަލެއްގައި 24 ގަޑިއިރު ތަޅުލައިގެން ދިން އަނިޔާގައި ކަމަށް ވެސް އެމްޓީޑީން ވަނީ ބުނެފައެވެ. އަދި މިގޮތަށް އަދީބާ މެދު ކަންކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މަޝްވަރާތަކުން ވެސް މިއީ ލާއިންސާނީ އަމަލުތަކެއް ކަމުގައި ކަނޑައެޅިފައި ވަނިކޮށް ކަމަށް އެމްޓީޑީން ބުނެއެވެ.
ރާއްޖޭގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށް ވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިޔާ ކަމަށް ބަލައި އަދީބަށް އެންމެ ފުރަތަމަ 30 އަށް ވުރެ ގިނަ ދައުވާ ކުރިއެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންގޮސް އެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. ނަމަވެސް އަދީބު މިހާރު ހުންނެވީ ގޭ ބަންޑުގައެވެ.
އަދީބު ވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެން، ކުރެއްވުނު ކުށްތަކަށް ތައުބާވެ ވަޑައިގެންފައި ވާ ކަމަށް ވެސް ވިދާޅުވެފައެވެ.