އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް އަދާލަތު ޕާޓީން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. ރޭ ނެރުނު ބަޔާނުގައި އަދާލަތުން ބުނީ، ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ތަރައްގީއާއި ކުރިއެރުމަށް އެހީވެދޭ ބައިވެރިންނާ މެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ސިޔާސީ ގޮތުން ކުރާ މަސައްކަތް ކުށްވެރި ކުރާ ކަމަށެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިން އަކީ އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދަން ކުރައްވާ ޒިންމާދަރުކަން ކުޑަ ކަމެއް ކަމުގައި ވެސް އެ ޕާޓީން ބުނެއެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު ސްޓްރެޓީޖިކް ދާއިރާއިން މިޙާރު ކުރެވޭ މަސައްކަތްތަކަކީ ޒަމާންތަކަކަށް ދެމިގެން އަންނަ ޒަމާންވީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ނަތީޖާ ކަމަށާއި އަދި މިހާރު އިންޑިއާއާއި ރާއްޖެއާ ދެމެދު ހިނގަމުންދާ ބައެއް ކަންކަމަކީ ރައީސް ޔާމީނުގެ ސަރުކާރުން ބިންގާ އެޅި ކަންކަން ކަމަށްވެސް ބުނެއެވެ.

އެހެން ކަމުން ރައީސް ޔާމީން މިހާރު ހިންގަވާ ކެމްޕޭނަކީ ސިޔާސީ މަގުސަދެއް ހާސިލު ކުރެއްވުމަށް ހިންގަވާ ނޭއްގާނީ އަމަލެއް ކަމަށްވެސް އަދާލަތުން ވަނީ ބުނެފައެވެ. އަދި ނަތީޖާއަކަށް ވަނީ ބައިނަލްއަގުވާމީ މަޝްރަހުގައި ދިވެހިން އެކަހެރިވެ، ގައުމާއި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ގެއްލުން ވުން ކަމަށްވެސް އެ ބަޔާނުގައި ބުނެއެވެ.

އަދާލަތުން "އިންޑިއާ އައުޓް" ކުށްވެރިކޮށް ބަޔާން ނެރުނު އިރު އަދާލަތުގެ ރައީސް ޝައިހު އިމްރާމް އަބްދުﷲ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރަށް، ޔާމީން ވަނީ ފާޑު ވިދާޅުވެ ޕީޕީއެމްގެ ވެރިކަމެއްގައި އެ ދެބޭފުޅުން ޖަވާބުދާރީވެވަޑައިގަންވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.