ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން، ނަން ހުށަހެޅީ އެންމެ ފަރާތެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިއަދު އެމްއެންޕީން މީޑިއާ ތަކަށް ބުނީ، އެ ޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރަން ހުޅުވާލި ފުރުސަތު މިއަދަށް ހަމަވެފައި ވާއިރު، ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ. އެގޮތުން އެ ޕާޓީގެ ފަރާތުން ކުރިމަތިލާފައި ވަނީ ކޮމަންޑުއަށް އުފަން އަބްދުލް ހަންނާން އިދްރީސެވެ.

އެހެންކަމުން އަބްދުލް ހަންނާނަށް ވަނީ އޮޓޯއިން އެމްއެންޕީގެ ޓިކެޓު ލިބިފައެވެ.

30 އަހަރު ވަންދެން ތައުލީމީ ދާއިރާއަށް ހިދުމަތްކުރެއްވި އަބްދުލް ހަންނާން ވަނީ ހަނިމާދޫ ސްކޫލާއި، އިނގުރައިދޫ ސްކޫލާއި، ށ. އަތޮޅު ތައުލީމީ މަރުކަޒާއި، މާފަރު ސްކޫލްގެ އިތުރުން ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވައި، ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ޑީންކަމުގެ މަގާމު 2013 އިން ފެށިގެން 2019 އަށް ފުރުއްވާފައެވެ.

އެމްއެންޕީގެ އިތުރުން، އެމްޑީޕީންވެސް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީވެ، އެ ޕާޓީންވެސް ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓެއް ހޮވާފައިވަނީ ޕްރައިމަރީއެއް ބޭއްވުމެއް ނެތިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓެއް އަދި ނުހޮވައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން ވަނީ ބައި-އިލެކްޝަން އަންނަ ފެބްރުއަރީގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.