އިންސްޓްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް (ސީއޭ މޯލްޑިވްސް) ގައި ރަޖިސްޓްރީކުރި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ، ނުވަތަ ޕައި އޮޑިޓަރުންނާ އިއްޔެ ލިޔުން ހަވާލުކޮށްފިއެވެ.

އިއްޔެ ލިޔުން ހަވާލުކުރި ޕައި އޮޑިޓަރުންނަކީ، ސީއޭ މޯލްޑިވްސް އިން ދާދިފަހުން ނެރުނު ޕައި އޮޑިޓަރުން ރަޖިސްޓްރީވުމުގެ ގަވައިދުގެ ދަށުން ފުރަތަމަ ފަހަރަށް ލައިސަންސް ހަވާލުކުރި އޮޑިޓަރުންނެވެ.

ސަރުކާރުގެ ކުންފުނިތައް އޮޑިޓްކުރުމުގެ ހުއްދަދީފައި އޮންނަނީ ތިން އޮޑިޓް ފާމަކަށެވެ. އިއްޔެ ރަޖިސްޓްރީކުރި ފާމްތަކާއެކު، ޖުމްލަ ހަތް ފާމަކަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ފަސް އޮޑިޓް ފާމަކާއި ރާއްޖޭގެ ދެ އޮޑިޓް ފާމެއް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، އިއްޔެ ދެވުނު ލައިސަންސްގެ ސަބަބުން އޮޑިޓް ފާމްތަކުން ކުރާ އޮޑިޓްތައް ރަނގަޅު ފެންވަރެއްގެ ގޮތުގައި ހިފެހެއްޓޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ އޮޑިޓް ފާމްތަކުން ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން އޮޑިޓިންގެ އުސޫލުތައް ހިފަހައްޓަން ޖެހޭނެ ކަމަށެވެ.