މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލަތަކުގެ ވާހަކައަކީ މިއަދު ދިވެހިންނަށް އާ ވާހަކައަކަށް ނުވާނެއެވެ. މިއީ މުޅި ގައުމު ސިއްސުވާލި ބޮޑު ހިޔާނާތުގެ ވާހަކައެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކޮންނަމުންދާ ވާރަކަށް ފަސްގިނަވެ، އެ ވަޅުގަނޑުގައި އިނދަޖެހޭ މީހުންގެ ލިސްޓު ދިގުވަމުން ދާއިރު، އެކަމުން ދިފާއު ހޯދުމަށް މަސައްކަތްކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ.
މިމައްސަލާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން އަމާޒުވި އެއް މުއައްސަސާއަކީ ދިވެހިންގެ ބޭންކު ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް ކަމަށް ވާއިރު، ގައުމީ ބޭންކުން ބުނީ، އެ ބޭންކުން ނުގަވައިދުން އަދި ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ތަކުރާރުކޮށް ގެންދިޔައީ ބުނަމުން ކަމަށާއި މިހާތަނަށް ކޮށްފައިވާ ތަފާތު އޮޑިޓް ތަކުންވެސް ބޭންކުގެ އިހުމާލެއް އޮތްކަމަށް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.
ބޭރުގެ އޮޑިޓް ފާމެއް އައްޔަން ކުރުން
އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ފޮރެންސިކް އޮޑިޓެއް ހެދުމަށް ބޭންކް އޮފް މޯލްޑިވްސް އިން އައްޔަންކުރީ ބޭރުގެ ކުންފުންޏެއް ކަމާށްވާ ޑެލޮއިޓް ސިންގަޕޯއެވެ.
ބޭންކާ އަދި ގުޅުން ހުރި އެންމެހާ ފަރާތްތަކެއްގެ މަސްލަހަތަށް ބަލައި އެމްއެމްޕީއާރްސީގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ރާއްޖެއިން ބޭރުގެ މިނިވަން އިދާރާއެއް މެދުވެރިކޮށް ތަހުގީގީ އޮޑިޓެއް ކުރިޔަށް ގެންދިއުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައި ވާތީކަމަށް ބޭންކުން ބުނެއެވެ.
ޑެލޮއިޓް ސިންގަޕޯއިން ބީއެމްލްއަށް ކޮށްދެނީ ކޮން ކަމެއް؟
އެމްއެމްޕީއާރްސީ އަދި އެސްއޯއެފް އާ ދެމުދު ހިނގާފައިވާ ހުރިހާ މުއާމަލާތްތަކާއި، ޓްރާންސެކްޝަންސް އަދި އެންޑޯސް ކުރެވިގެން ދިޔަ ޗެކްތަކުގެ އިތުރުން އެ މުއާމަލާތްތައް ކުރެވުނު މުއްދަތުގައި ބޭންކުގެ ރިޕޯޓިންގް އަދި ކޮންޓްރޯލް ޕްރޮސީޖާ ބަލާނީ ޑެލޮއިޓް ސިންގަޕޯއިން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ބޭންކުގައި މިހާރު އަމަލު ކުރަމުންދާ ޕޮލިސީތަކާއި ޕްރޮސީޖާތަކާއި، ރިސްކް މެނޭޖް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި، ބޭންކުން އަމަލު ކުރަމުން ގެންދަނީ ބައިނަލްއަގުވާމީ މިންގަޑުތަކާ އެއްގޮތަށްތޯ ބަލާ، މިނިވަން އޮޑިޓެއް ކުރާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ޑެލޮއިޓް ސިންގަޕޯއަކީ ކޮންބައެއް؟
ޑެލޮއިޓް ސިންގަޕޯއަކީ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޑެލޮއިޓް ޓޫޝޭ ޓޮމަޓްސޫ ލިމިޓަޑް (ޑީޓީޓީއެލް)ގެ ބައިނަލްއަގުވާމީ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ޑީޓީޓީއެލްގެ މެމްބަރުންނަކީ ޖިއޮގްރަފީ ގޮތުން އެ މެމްބަރަކު ހިމެނޭ ސަރަހައްދުގައި އޮޕަރޭޓްކުރާ ކުންފުނިތަކަށް ބޭނުންވާ މާލީ ކަންކަމާ ގުޅޭ ފަންނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވިފައި ކުންފުނިތަކެކެވެ.
ޑެލޮއިޓްގެ މެމްބަރު ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި މާލީ އެޑްވައިޒަރީ ތައްޔާރު ކޮށްދިނުމަށް، ޓެކްސްއާއި ގުޅުންހުރި ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން މާލީ ކަންކަމާ ގުޅުންހުރި ފަންނީ ކޮންސަލްޓަންސީ ދިނުމާ އޮޑިޓިންގްގެ ހިދުމަތްތައް ހިމެނެއެވެ.
ޑެލޮއިޓް ކުންފުނީގެ ޝަހްސު
ޑެލޮއިޓް ކުންފުންޏަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއް ހާސިލުކޮށް، ގަދަ 10 އެއްގެ ރޭންކިންނުން ޖާގަ ހޯދަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އިންސައިޑް ޕަބްލިކް އެކައުންޓިންގްއިން ހޮވާ އަހަރުގެ އެންމެ ގަދަ 10 އެކައުންޓިންގް ފާމްގެ 1 ނަމްބަރު ރޭކިންގްގައި ޑެލޮއިޓް ކުންފުނި 2018 ވަނަ އަހަރުގެ އޯގަސްޓް މަހު ހިމެނުނު އިރު، މިއީ އެކުންފުނިން އެ މަގާމު ވިދިވިދިގެން ދިފާއުކުރި 10 ވަނަ ފަހަރެވެ.
ޑެލޮއިޓް ކުންފުނީގެ ގޮފިތަކަކީ ވަޒީފާ އަދާކުރަން އެންމެ ރަނގަޅު އިދާރާތަކެއް ކަމަށް އިނގިރޭސިވިލާތުން 2017 ވަނަ އަހަރު ވޯޓު ދިން އިރު، މި ހިނގާ 2019 ވަނަ އަހަރަކީވެސް ޑެލޮއިޓް ކުންފުންޏަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ފޯޗޫން މެގަޒިންއިން ހޮވާ، ވަޒީފާއަށް އެންމެ ރަނގަޅު 100 ކުންފުނީގެ ތެރޭގައިވެސް ޑެލޮއިޓް ކުންފުނި ހިމެނުނު އިރު، ކެރިއާއެއް ފަށަން އެންމެ ރަނގަޅު ކުންފުންޏަކީވެސް ޑެލޮއިޓް ކަމުގައި ވަނީ އިއުލާންކޮށްފައެވެ.
ޑެލޮއިޓް ކުންފުނީގެ ހިދުމަތުގެ ފެންވަރު
ޑެލޮއިޓް ކުންފުންޏަކީ މުވައްޒަފެއްގެ ނަޒަރުން ބަލާއިރު 1 ނަމްބަރު ރޭންކިންގްގެ ކުންފުންޏެއް ކަމުގައި ވީ ނަމަވެސް، އެކުންފުނީގެ ކްލަޔަންޓުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ދެކެވެނީ ތަފާތު ވާހަކަތަކެކެވެ. އިވެނީ ތަފާތު ރާގެކެވެ. އެކުންފުނިން އެކުލަވާލައި ރިޕޯޓްތަކުގައި މައްސަލަ އުޅޭ ކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.
އޮސްޓްރޭލިއާގެ ދުންފަތުގެ ސިނާއަތް
ދުންފަތުގެ ސިނާއަތުގެ ތެރޭގައި ހިންގާ ޣައިރު ގާނޫނީ އަމަލުތަކާ ބެހޭ ރިޕޯޓެއް އެކުލަވާލުމަށް ޑެލޮއިޓް ކުންފުންޏާ ހަވާލުކުރެވުނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އޮސްޓްރޭލިއާގެ ކަސްޓަމްސް އެންޑް ބޯޑާ ކޮންޓްރޯލް ސާވިސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ޑެލޮއިޓްއިން އެކުލަވާލި ރިޕޯޓަކީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. އަދި އެއީ އެ ރިޕޯޓަކަށް ބަރޯސާވާން ދަތިވާ ވަރަށް ހަގީގަތުން އެއްކިބާވެފައިވާ ރިޕޯޓެއްވެސް ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
ސިނގިރޭޓު ވަގުވިޔަފާރިއާއި ބެހޭ ރިޕޯޓެއް ޑެލޮއިޓްއިން 2 ވަނަ ފަހަރަށް އެކުލަވާލިއެވެ. ނަމަވެސް އެފަހަރުވެސް ކަންވީ ހަމަ އެހެންނެވެ. އޮސްޓްރޭލިއާގެ އޭރުގެ ދާހިލީ ވަޒީރު ބްރޭންޑަން އޯކޮނާ ވިދާޅުވި ގޮތުގައި ޑެލޮއިޓްގެ ރިޕޯޓަކީ އެއްވެސް އަސާސެއް ނެތް، ތާކުން ތާކު ނުޖެހޭ ރިޕޯޓެކެވެ. އެއީވެސް ހަގީގަތް އޮޅޭފަދަ ރިޕޯޓެއް ކަމަށް ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
ސިއްހީ ދާއިރާގެ ތަޖުރިބާކާރުންވެސް ވަނީ ޑެލޮއިޓް ކުންފުނިން ހިންގި ތަހުގީގަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.
އީ-މެއިލް ހެކް
ރައްޔިތުންނާ ދައުލަތުގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއްގެ ފޮރެންސިކް އޮޑިޓެއް ހެދުމަކީ އެ ކުންފުންޏެއްގެ އެންމެ ފުނަށް ފީނަންޖެހޭނެ އޮޕަރޭޝަނެކެވެ. ކަންމިހެން އޮތްއިރު، ޑެލޮއިޓް ކުންފުނީގެ ކްލަޔަންޓުންނަށް ދޭންޖެހޭ ފުރިހަމަ ހިމާޔަތް ދެވިދާނެ ކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެލޮއިޓް ކުންފުންޏަށް ވަރުގަދަ ސައިބާ ހަމަލާއެއް އަމާޒުވިކަން ފާހަގަ ކުރަންޖެހެއެވެ. އެ ފަހަރުގެ ހަމަލާގައި އެކުންފުނީގެ ކްލަޔަންޓުންނާ 2 ލައްކައަށް ވުރެ ގިނަ މުވައްޒަފުންގެ ޒާތީ މުހިންމު މައުލޫމާތާ ވަނަވަރުތަކެއް ލީކުވިއެވެ.
ކްލަޔަންޓުންގެ ޔޫޒާ ނޭމާ ޕާސްވާޑްއާއި އައިޕީ އެޑްރެސްތަކުން ފެށިގެން ގޮސް ވިޔަފާރީގެ މުއާމަލާތްތަކާ، ސިއްހީ މައުލޫމާތުވެސް ހެކަރުންގެ އަތަށް އެރިއެވެ. މިކަން ހިނގާފައިވަނީ މައިކްރޮސޮފްޓްގެ އަޒޫރޭ ކްލައުޑްގައި މައުލޫމާތު ރައްކާކޮށްފައި ހުރިއިރު، ޓޫ-ސްޓެޕް ވެރިފިކޭޝަން ހެދުމުގައި ޑެލޮއިޓް ކުންފުނިން އިހުމާލުވެފައިވާތީއެވެ.
މި ހަމަލާގެ ޝިކާރައަކަށްވި ބޮޑެތި އިދާރާތަކުގެ ތެރޭގައި އެމެރިކާގެ ދިފާއީ ވުޒާރާ، ދާހިލީ ސަލާމަތާ ބެހޭ ވުޒާރާ އަދި އެމެރިކާގެ ހާރިޖިއްޔާވެސް ހިމެނުނެވެ.
ގައުމުތަކުން ޑެލޮއިޓްއާއި ދެކޮޅަށް ފިޔަވަޅު އަޅަނީ
އަވަށްޓެރި އިންޑިއާއަށް ބަލާލި ކަމުގައި ވީ ނަމަވެސް ޑެލޮއިޓްގެ ނަންވަނީ ކިލަނބުވެފައެވެ. މާލީ ހިޔާނާތާ ގުޅޭ ބޮޑެތި މައްސަލަތަކެއްގައި ޑެލޮއިޓް ކުންފުނި ވަނީ ބެދިފައެވެ.
އިންޑިއާގެ އައިއެލް އެންޑް އެފްއެސް ކުންފުނީގެ ހިޔާނާތުގެ މައްސަލާގައި ޑެލޮއިޓް ކުންފުނި ބެދިފައިވަނީ، އެކުންފުނި ބަނގުރޫޓުވެ ދިއުމަށް މެދުވެރިވި މުހިންމު ސަބަބުތަކުގެ ތެރޭގައި، ޑެލޮއިޓް ކުންފުނިން މައުލޫމާތުތަކެއް ސިއްރުކުރި ކުރުން ކަމަށްވެއެވެ. މިއާއެކު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް ޑެލޮއިޓް ކުންފުންޏަށް އިންޑިއާގައި ހަރަކާތްތެރި ނުވެވޭ ގޮތް ހެދުމަށެވެ.
ޑެލޮއިޓް ކުންފުންޏާ ދެކޮޅަށް އިންޑިއާގެ ސީރިއަސް ފްރޯޑް އިންވެސްޓިގޭޝަންސް އޮފީހުން ކުރަމުންދާ ދައުވާ އޮތީ ބޮމްބޭ ހައިކޯޓުގައެވެ. މިމައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާ، ޑެލޮއިޓް ކުންފުންޏަށް އިންޑިއާގައި ހަރަކާތްތެރި ވެވުމާ މެދު ގޮތެއް ނިންމަން ކަނޑައަޅާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.
ކަންމިހެން އޮތްއިރު، ހަމަ މިފަދަ މައްސަލަތަކެއްގައި ސައުދީ އަރަބިއްޔާއިން 2015 ވަނަ އަހަރާ ހިސާބުގައި ވަނީ ޑެލޮއިޓް ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އަޅާ، 2 އަހަރު ދުވަހުގެ މުއްދަތަށް އެގައުމުގައި އެކުންފުންޏަށް ހަރަކާތްތެރި ނުވެވޭ ގޮތް ހަދާފައެވެ.
1އެމްޑީބީ ހިޔާނާތުގައިވެސް ޑެލޮއިޓް
މެލޭޝިއާގެ ތާރީހު ދުށް އެންމެ ބޮޑު ހިޔާނާތުގެ މައްސަލައަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އެކުލަވާލި 1 މެލޭޝިއާ ޑިވަލޮޕްމަންޓް ބާހާޑް (1އެމްޑީބީ) މަޝްރޫއުގެ ހިޔާނާތުގެ މައްސަލައެވެ. އެތައް ބިލިއަން ޑަލަރެއްގެ ހިޔާނާތާ ގުޅިފައިވާ މިމައްސަލައިގެ ތެރޭގައިވެސް ޑެލޮއިޓްގެ ނަންވަނީ ކިލަނބުވެފައެވެ.
1އެމްޑީބީއާއި އެ މަޝްރޫއާއި ގުޅިފައިވާ އިތުރު މަޝްރޫއުތަކެއް މެދުވެރިކޮށް ހިޔާނާތާއި ކޮރަޕްޝަން ހިންގުމަށް މެލޭޝިއާގެ އިސް ސަފުގައި ކުރިން ތިއްބެވި ލީޑަރުންނަށް ފުރުސަތު ތަނަވަސްވި އެންމެ ބޮޑު އެއްސަބަބަކީ، އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ޑެލޮއިޓް ކުންފުނި ފެއިލްވުމެވެ.
އެކުންފުންޏާ މަތިކޮށްފައި އޮތް ޒިންމާތައް އަދާނުކުރެވި ޑެލޮއިޓް ކުންފުނި ފެއިލްވެފައިވާއިރު، ސީރިއަސް 4 މައްސަލައެއް ޑެލޮއިޓް ކުންފުންޏާ ދެކޮޅަށް މެލޭޝިއާގައި ވަނީ ފެންމަތިވެފައި ކަމަށް މެލޭޝިއާގެ ސެކިއުރިޓީޒް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޑެލޮއިޓަށް ބީއެމްއެލްއިން ކުރަނީ ފޮނި އުއްމީދެއް
ބޭންކް އޮފް މޯލްޑިވްސް އަކީ އިތުބާރު ކުރެވޭ ނަޒާހަތްތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދަމަހައްޓާނެ އިދާރާއެއް ކަން ޔަގީން ކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށް ބޭންކުން ބުނާއިރު، ޑެލޮއިޓް ކުންފުންޏާ ހަވާލުކޮށްގެން އެންމެ ފުރިހަމަ ގޮތުގައި ފޮރެންސިކް އޮޑިޓެއް ހެދިދާނެ ކަމާ މެދު ސުވާލު އުފެދުމުގެ ފުރުސަތު ނެތެކޭ ނުދެންނެވޭނެއެވެ.
ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް ޑެލޮއިޓް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން މިވަނީ ބަރޯސާވެފައެވެ.
އެގޮތުން އެ އޮޑިޓަކީ ބޭންކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ ކުރާ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ އޮޓިޑެއް ކަމަށްވެސް ބުނެއެވެ. މީގެ އިތުރުން، ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ އޮޑިޓް ނިމި، ކުރިއަށްދާ ތަހުގީގުގައި ކަމާގުޅުން ހުރި އިދާރާތަކަށް ފުރިހަމައަށް އެހީތެރިކަން ދިނުން ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިންވަނީ ހާމަކޮށްފައެވެ.