އޮޑިޓާ ޖެނެރަލްގެ އޮފީހުގެ 2020 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރާނެ އޮޑިޓް ފާމެއް ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފިއެވެ.

ރައްޔިތުން މަޖިލީހުން ކުރި އިއުލާނެއްގައި ބުނީ އޮޑިޓް އޮފީހުގެ އަހަރީ އޮޑިޓް ކުރުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އެކުލަވާލާފައިވާ ރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސް ހިދުމަތްދިނުމުގެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ އޮޑިޓް ފާމްއެއް ހަމަޖައްސަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، އަންނަ އަހަރުގެ ޖެނުއަރީ ތިނެއް ވާ އާދީއްތަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

ސެޓަލްމަންޓް ކޮމިޓީގެ ބޭނުމަށް އައްޔަނުކުރެވޭ އޮޑިޓް ފާމްތަކުގެ މައިގަނޑު މަސައްކަތަކީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވޭލުއޭޓްކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާއެރުވުމެވެ.

މީގެ އިތުރުން، ކޯޓުން ބޭރުގައި ހައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގްސަދަކީ އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއްކަން ޔަގީންކޮށް، ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމެވެ.