މިދިޔަ އޮކްޓޯބަރު 14 ވަނަ ދުވަހު ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓާ ފުލުހުން އަތުލި 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ މަހުގެ 15 ގައި މަޑުއްވަރީން ހައްޔަރުކުރީ، އެ ރަށު ފިނިފަރުގޭ އުމުރުން 42 އަހަރުގެ އަލީ ޝާކިރާއި، އެ ރަށު ފެހިއަލި އުމުރުން 33 އަހަރުގެ ނިމާލް އަބްދުލްހާރިސެވެ.

ޕީޖީއިން ބުނީ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ދިވެހިރާއްޖެއަށް ބަރުދަނުގައި ގައިގަނޑަކަށް 215 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ބެހެއްޓި މައްސަލައިގައި މި މަހުގެ 19 ވަނަ ދުވަހު އަލީ ޝާކިރާއި ނިމާލް އަބްދުލްޗހާރިސްގެ މައްޗަށް ދައުވާކުރުމަށް ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދައުވާތަކުގެ ތަފްސީލުތައް؛

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ:

1. ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު

2. ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް

ގާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 125 ވަނަ މާއްދާގެ ދަށުން ކުޑަކަމުދާއެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ:

1. ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު

މި ދެ މީހުންވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ޝާކިރާއި ނިމާލް ހައްޔަރުކުރީ "ފެށުން 2" ކިޔާ ލޯންޗެއްގައި މަޑުއްވަރީއަށް ވަތް ވަގުތު، ލޯންޗު ޗެކް ކުރުމަށް ފަހުގައެވެ. އެ މައްސަލާގައި މީގެ ކުރިން ބޭއްވި ބަންދުގެ މަޖިލީހުގައި ޝާކިރާއި ނިމާލަށް އަނިޔާކުރި ކަމަށް އެމީހުން ބުނުމުން، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ތަހުގީގުކުރަން އެޗްއާރުސީއެމަށް އަންގާފައެވެ.