ސިފައިންގެ ތާރީހުގައިި ފުރަތަމަ ފަހަރަށް އަންހެން ސިފައިންގެ ސްކޮޑަކުން ގަން ސެލިއުޓެއް އަރުވުމަކީ ފަހުރުވެރި ވަގުތުކޮޅެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މި ގަން ސެލިއުޓް އަރުވާފައި ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއަށް ރަސްމީކޮށް މަރުހަބާ ދަންނަވަން މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މަރުހަބާ ދެންނެވުމުގެ އަންހެން ސިފައިންގެ ސްކޮޑުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވީ ފުރަތަމަ ފަހަރަށް އަންހެން ސިފައިންގެ ސްކޮޑަކުން ގަން ސެލިއުޓްއެއް އެރުވުމަކީ މިންތީގެ ހަމަހަމަކަން ދެމެހެއްޓުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ވަރަށް މުހިއްމު އެއް މިސާލެއް ކަމަށާއި މިއީ ފަހުރުވެރި ވަގުތު ކޮޅެއް ކަމަށެވެ.
ޝައިހު ހަސީނާ ރާއްޖެ ވަޑައިގަތީ އިއްޔެ ހަވީރެވެ. މިއަދާއި މާދަމާ ދަތުރުފުޅާ ގުޅޭ ރަސްމީ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު ހަސީނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ 6 ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.
މިދިޔަ އަހަރުގެ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު މަޖިލިހަށް ވަޑައިގެންނެވި ގަޑީގައި އެމްއެންޑީއެފްގެ ފަރާތުން އެމަނިކުފާނަށް އެރުވި އޮނާ ގާޑުގައިވެސް ސިފައިންގެ އަންހެން މުވައްޒަފެން ވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެވަފައެވެ.