އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީގޮތުން ކިޔަވައިދޭން ހަމަޖައްސާފައިވާ ފޮރިން މިނިސްޓްރީ ކުރިން ހިންގި ވަގުތީ އިމާރާތް އެ ސްކޫލާ ހަވާލުކުރާއިރު، އެ އިމާރާތަށް ސަރުކާރުން ބަދަލުތައް ގެންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ރެނދުލާފައި ހުރުމުގެ ސަބަބުން، އެ ސްކޫލްގެ ކިޔެވުން ވަގުތީގޮތުން އެންމެ ފުރަތަމަ ހަމަޖައްސާފައިވަނީ އިއްޒުއްދީން ސްކޫލްގައެވެ. ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު، ސަރުކާރުން ވަނީ އަރަބިއްޔާގެ އިމާރާތް ބާ ޖަމާލުއްދީނަށް ބަދަލުކޮށް، ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ވަގުތީގޮތުން ކިޔެވުން ބަދަލުކުރަން ނިންމާފައެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިބްރާހީމް ހޫދު މީޑިއާތަކަށް ވިދާޅުވީ، ސްކޫލް ހިންގޭނެ ވަރަށް އެ އިމާރާތުގެ ކަންކަން ސަރުކާރުން އިންތިޒާމު ކޮށްދޭނެ ކަމަށާއި، އެގޮތުން އަރަބިއްޔާ އާއި އެ އިމާރާތް ހަވާލުކުރާއިރު، ސަރުކާރުން ހުންނާނީ އެ އިމާރާތުގައި ކްލާސްރޫމްތައް ހަދާދީފައި ކަމަށެވެ.

"އަދި މި ބިލްޑިން ހަވާލު ކުރެވޭއިރު ކްލާސްރޫމް ފަދަ ތަންތަންވެސް ސަރުކާރުން ހަދައިދިނުމަށް ރައީސް ވަނީ މިއަދު ނިންމަވާފަ." ހޫދު ވިދާޅުވިއެވެ.

މިއީ މިގޮތަށް އަރަބިއްޔާ ސްކޫލްގެ ކިޔެވުން އެހެން އިމާރާތަކަށް ބަދަލުކުރަން ޖެހުނު ދެވަނަ ފަހަރެވެ.

މިހާރު އަރަބިއްޔާ ހިންގާ އިމާރާތަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާ ގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ.