ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކޯޓަށް ހާޒިރު ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލީ މުވައްޒަފުންގެ މުސާރައިގެ 3 ބައިކުޅަ 1 ބައި ދޭން އެއްބަސްވެ ވަޑައިގަތުމުން ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.

ސިވިލް ކޯޓުން ބުނީ ޖާބިރު ދޫކޮށްލީ މުވައްޒަފުނަށް ދޭން ޖެހޭ މުސާރައިގެ 3 ބައިކުޅަ 1 ބައި 10 ދުވަސް ތެރޭ ދޭން އެއްބަސްވެ ވަޑައިގަތުމުން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންގޮސްފައި ވަނީ ގދ. އަތޮޅު ފަޅު ރަށެއްގައި ހުންނަވަނި ކޮށެވެ. މީހުން ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރު ނެރެނީ ކޯޓުން އަންގައިގެން ހާޒިރު ނުވުމުންނެވެ. ނުވަތަ ޗިޓް ހަވާލު ނުކުރެވުމުންނެވެ.

ޖާބިރު ކޯޓަށް ހާޒިރުކުރީ މިއަދު ހެނދު 10:00 ޖެހި އިރުއެވެ. އެނގިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކުރީ އޭނާގެ ކުންފުނި ޔޮޓް ޓްއާސްއާއި ދެކޮޅަށް ދައުވާ ކޮށްފައިވާ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

ޖާބިރު މިއަދު ވަނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅައިދޭން އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޝަކުވާ ހުށައަޅުއްވާފައެވެ.

ޖާބިރުގެ ޝަކުވާގެ ސިޓީގައި ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓުން، އޭނާ ހާޒިރުކުރުމުގެ އަމުރު ނެރެފައި ވަނީ ޒާތީ ކަމެއްގައި ކަމަށާއި އެގޮތުން ކުންފުނިތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުއްޓައި ޗެއާމަން ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޖާބިރުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.

ދާދިފަހުން ޖާބިރުގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެެވެ. އަދި ޖާބިރު ވަނީ ރައްޔިތުން މަޖިލީސްގެ ދޮރުމަތީގައި އިހުތިޖާޖެއްވެސް ކުރައްވާފައެވެ. އޭގެ ފަހުން ކޯޓު އަމުރަކަށް ޖާބިރުގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

އއ. މަތިވެރީގައި އަށް ދާދިފަހުން ޖާބިރު ވަޑައިގެން ދުވަހު ޖާބިރުގެ ކާސާ މިއާ ގެސްޓްހައުސްގައި ވަނީ ހަމަނުޖެހުނަތަކެއް ހިންގަވައިގެން އެ މައްސަލަ ހޫނުވެފައެވެ.