ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒަށް ވުރެ ޗައިނާގެ ނުފޫޒު ގަދަވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށާ، މިހާރުވެސް ޗައިނާއިން އެކަމަށްޓަކައި މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ތަޖުރިބާކާރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މެދުއިރުމަތީގައި ޗައިނާއިން މިހާރު ކުރަމުންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ސަރަހައްދުގައި ޗައިނާގެ ބާރު ގަދަވެގެން ދާނެއެވެ. މި ރިޕޯޓުތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ ޗައިނާއިން ފާއިތުވި ހަފްތާގެ ތެރޭގައި އިރާގާއެކު ވެފައިވާ އެއްބަސްވުމުގެ ވާހަކައެވެ.
އެގޮތުން އިރާގުގައި 7000 ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއު އިއުލާނު ކުރުމާއެކު އެ ގައުމަށް އެހީވުމުގެ ގޮތުން ޗައިނާއިން ވަނީ އެގައުމުގައި 1000 ސްކޫލު އެޅުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ޗައިނާގެ ޕަވާ ކޮންސްޓްރަކްޝަން ކޯޕަރޭޝަނަކާއި ސިނޯ ކުންފުނިން ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގެ ރަސްމިއްޔާތު ފާއިތުވި ހަފްތާގައި ބާއްވާފައި ވާއިރު މި ރަސްމިއްޔާތުގައި އިރާގުގެ ބޮޑުވަޒީރު ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ދެއަހަރު ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ މި 1000 ސްކޫލުގެ ތެރެއިން 679 ސްކޫލު އިމާރާތް ކުރާނީ ޕަވާ ޗައިނާއިންނެވެ. ބާކީ 321 ސްކޫލު އެޅުމަށް ހަމަޖެހިފައި ވަނީ ސިނޯ ޓެކުންނެވެ.
މިކަމާ ގުޅިގެން ޗައިނާއިން ބުނީ އިރާގަށް މި އެހީތެރިކަން ފޯރު ކޮށްދިނުމަށް ނިންމާފައި ވަނީ ފާއިތުވި އަހަރުތަކުގައި ކުރެވިގެން ދިޔަ ހަނގުރާމަތަކުގެ ސަބަބުން ފުނޑުފުނޑުވެފައި ވާ އެގައުމުގެ ތައުލީމީ ނިޒާމު އަލުން ކޮޅަށް ޖެހުމަށް ކަމަށެވެ.
މީގެ އިތުރުން ވެސް ޗައިނާއިން ވަނީ އިރާގުން ތެޔޮ ނެގުމުގެ ދާއިރާއަށް ވެސް އިންވެސްޓް ކޮށްފައެވެ. އަދި ތަފާތު އެކިއެކި އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމަށް ވެސް ޗައިނާ އިން ދަނީ އެގައުމުގައި ގިނަ އިންވެސްޓްމަންޓް ތަކެއް ކުރަމުންނެވެ. މި ކަންކަން ކާމިޔާބު ވެގެން ގޮސްފިނަމަ ޗައިނާގެ ނުފޫޒު އިރާގުގައި ބޮޑުތަނުން އިތުރުވާނެއެވެ.