މިހާރު ފެތުރެމުން ދާ ކޮވިޑް-19ގެ އާ ވޭރިއަންޓު، އޮމިކްރޯން ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ ހަށީގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައިންޓިސްޓް ސޯމްޔާ ސްވަމިންތަން ވިދާޅުވެއްޖެއެވެ.
ސޯމްޔާ ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި އޮމިކްރޯންގެ ނުރައްކާ ބޮޑުވެފައި ވާއިރު މިއީ ވޭރިއަންޓާ ގުޅޭ މައުލޫމާތު މިހާރުވެސް އެއްކުރެވެމުން ދާ ކަމަށެވެ. އަދި މި ވޭރިއަންޓަކީ މިހާތަނަށް ފެހިފައިވާ އެހެން ވޭރިއަންޓުތަކަށް ވުރެ ނުރައްކާތެރިކަން ކުޑަ ވޭރިއަންޓެއް ކަމަށް އަދި ނިންމައިގެން ނުވާނެ ކަމަށެވެ.
މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނީ އޮމިކްރޯންގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތްކަމަށާ މިކަމުން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި މި ވޭރިއަންޓް ފެތުރެމުންދަނީ ނުހަނު ބާރު އަދި ހަލުވި މިނެއްގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ދެކުނު އެފްރިކާއިން ފުރަތަމަ ރިޕޯޓްކުރި އޮމިކްރޯން ވޭރިއަންޓާ މެދު އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު މި ވޭރިއަންޓްގެ ފަރާތުން މުޅި ދުނިޔެއަށް އޮތް ނުރައްކާ ބޮޑު ކަމަށް ވެސް މީގެ ކުރިން ބުނެފައި ވެއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ އޮމިކްރޯންއާ ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ގައުމުތަކަށް ގޮވާލާފައެވެ. އަދި އާބާދީގެ ހައި ރިސްކު ގްރޫޕްތަކަށް ވެކްސިން ދިނުމަށް އިސްކަން ދިނުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.
މީގެ އިތުރުން ހާލަތު ގޯސްވެގެން ހިނގައިދާނެ ދަނޑިވަޅަކަށް ސަމާލުވެ ތިބުމަށް ގޮވާލާފައި ވާއިރު އެފަދަ ހާލަތަކުން އަރައިގަތުމަށް ވާންޖެހޭނެ ތައްޔާރީތައް ވެގެން ތިބުމަށް ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ގައުމުތަކަށް ގޮވާލާފައެވެ.
މި ވޭރިއަންޓާ ދެކޮޅަށް ވެކްސިންތައް މަސައްކަތް ކުރާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް މޮޑާނާގެ ބޫސްޓާ ޑޯޒް އަދި ފައިޒާ ވެކްސިނުގެ ބޫސްޓާ ޑޯޒް ޖެހުމުން ބަލިން ދިފާއުވާ މިންވަރު މަތިކަން ވަނީ ހާމަވެފައެވެ.