ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމަށް އެމްއެންޕީން ފުރުސަތު ހުޅުވާލައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު އެ ޕާޓީން ބޭއްވި ޕްރެސް ބްރީފިންގައި ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.
އެމްއެންޕީން ވަނީ، ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމާ އެކު، ފުރިހަމަކޮށްފައިވާ ލިޔެކިއުންތައް ހުށަހަޅަން އެދިފައެވެ. އެހެންކަމުން، އެ ހުރިހާ ލިޔެކިއުމެއްވެސް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ގެ ކުރިން އެ ޕާޓީގެ އީމެއިލަށް ފޮނުވުމަށް ނުވަތަ އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ ޕާޓީން ޕްރައިމަރީ ބާއްވަން ޖެހިއްޖެ ހާލަތެއްގައި މިމަހު 28 ގައި ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:00 އަށް، އެ ޕާޓީގެ އޮފީހުގައި އަދި ކޮމަންޑޫ ދާއިރާގެ ރަށްރަށުގައި ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް ވަނީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެމްޑީޕީންވެސް ވަނީ އެ ދާއިރާއަށް ވާދަ ކުރާނެ ކަމަށް އިއުލާނުކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން ވަނީ ބައި-އިލެކްޝަން އަންނަ ފެބްރުއަރީގައި ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.