ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާގެ ރުކުންތައް ފުރިހަމަނުވާކަން ސީޣާއިން އެނގޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ މިފަދައިން ވިދާޅުވީ މަނީ ލޯންޑަރިންގެ އެ ދައުވާއިން ރައީސް ޔާމީން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. ދީދީ ވިދާޅުވީ އެ މައްސަލައަކީ ހަގީގަތުގައި ސްޕްރީމް ކޯޓާ ހަމަޔަށް ދާންޖެހޭ މައްސަލައެއް ވެސް ނޫން ކަމަށާއި މަނީ ލޯންޑަރިންގެ ދައުވާގެ ރުކުންތައް ފުރިހަމަ ނުވާކަން ދައުވާގެ ސީޣާއިން ރަނގަޅަށް އެނގޭ ކަމަށެވެ. މީގެ އިތުރުން އެފަދަ ބާތިލް ދައުވާއަކީ އާންމު އުސޫލެއްގެ ގޮތުގައި މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށްވެސް ޑރ. ދީދީ ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ޑޮލަރު ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިދިޔަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހު ޔާމީން ވަނީ މިނިވަން ކޮށްފައެވެ.

ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށް މީގެ ކުރިން ޑރ. ދީދީ ވަނީ ވިދާޅުވެފައެވެ.