އިންޑިއާއެއް ނޫން ޗައިނާ ވިޔަސް، ދިވެހި ފަސްގަނޑުގައި ހަރިޔާރާއެކު ސިފައިން ތިބޭކަށް ދިވެހިން ގަބޫލެއް ނޫނެވެ. އެއީ އަހަރެންވެސް ގަބޫލު ކުރާ ގޮތެވެ.

ދާހިލީ ބޮޑެތި ހަމަނުޖެހުމާއި ހަނގުރާމަ ހިނގާ ތަންތާނގައި ސުލްހަ ބަލަހައްޓާ އދ ގެ ފައުޖުތައް ތިއްބަކަސް ދިވެހި ފަސްގަނޑުގައި ހަތިޔާރު އަޅައިގެން ތިބޭކަށް އެ މާހައުލެއް ވެސް ނެތެވެ. އަދި ހާރިޖީ ގުޅުންތަކާއި، ބަނދެވިގެން ތިބި މުއާހަދާތަކަށް ބުރަވާއިރު ވެސް މި ގައުމު އެހާލަތަށް ދާކަށް ނެތެވެ. ދިވެހިންނަކީ އެއަށްވުރެ ހަމަޖެހޭ، ރޯފިލާ އަދި އެކުވެރި ވަތަނީ ބައެކެވެ.

ނަމަވެސް މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ "އިންޑިއާ އައުޓް" ވައިގައި ހިފައިގެން މިއުޅެނީ ސުލްހަބަލަހައްޓާ ބަޔަކާ ހެދި އެއް ނޫނެވެ. އެކަން ވައިގައި ހިފާ، އައުޓް ކުރަން ގޮވަނީ އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ރާއްޖޭގައި ތިބީމައެވެ. ކަމާބެހޭ އިދާރާތަކުން ހާމަ ކުރި ރަސްމީ އަދަދީ 75 ކަމަށް ވިޔަސް އަސްކަރީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭބޭފުޅުންގެ ބަހުން ސާފުވާ ގޮތުގައި މި ރާއްޖޭގައި އިންޑިއާގެ ރޯ އާއި އައިޕީއެސްއާއި ބްލެކް ޓައިގަރުން އެބަތިއްބެއެވެ. އެމީހުންގެ އަތުގައި ހަތިޔާރު ހުރިކަމެއް ނެތްކަމެއް ޔަގީން ނުވިނަމަވެސް އިންޑިއާގެ 75 ސިފައިންގެ އަތުގައި ހަތިޔާރު ނުހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވެއެވެ.

ޔާމީނުގެ ޓީޝާޓުކޮޅުގައި އޮތް 2 ލަފްޒު "އިންޑިއާ އައުޓް"

ކުރިން މިވާހަކަ ގޮވަމުން އައީ "ހުސް ބޮޓުން"ނެވެ. އެކަމާ ގުޅޭ ދިރާސާތައް ހަދާ، އެކިއެކި ނުފޫޒުގެ ތެރެއިން ބައެއް ނޫސްތަކުގައިވެސް އެހެން ލިޔުނެވެ. އަދި ސްރީލަންކާގެ އިންފޮމޭޝަން އޭޖެންސީން އޮކްޓޯބަރު 30، 2021 ގައި އާންމު ކުރި ރިޕޯޓަކާ ހަވާލާދީ އެގައުމުގެ ޓޭލް ސިލޯން ނޫހުގައި ވެސް ބުނީ، 2019 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަ "އިންޑިއާ އައުޓް" އަކީ ފޭކް ބޮޓް ތަކަކުން ހިންގާ ކެމްޕޭނެއް ކަމަށެވެ. ގާތްގަނޑަކަށް 60،000 ފަހަރު އެ ހޭޝްޓެގުން ޓްވީޓް ކޮށްފައި ވާކަމަށް ވެސް ބުންޏެވެ.

"އިންޑިއާ އައުޓް" މައްސަލައިގައި ރާއްޖޭގައި މިދިޔަ ދައުރު ހުންނެވި އިންޑިއާ ސަފީރު "ދަ ޕްރެސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ އެއީ އިދިކޮޅުގެ ފިކުރު ނޫން ކަމަށެވެ.

"އެކި ދިމާދިމާލުން އެބަ ފެނޭ އިންޑިއާއައުޓް ހޭޝްޓެގް ބޭނުންކުރަތަން، ސޯޝަލް މީޑިއާގަ. ޒިންމާދާރު ކަމާއެކު ހިންގާ އާންމު މީޑިއާއަކުން ދުވަހަކުވެސް މި އަޑެއް ނީވޭ. އެކަމަކު، ސާފުކޮށްލަދޭން ބޭނުން، އިންޑިއާއައުޓް އޭ މިކިޔާ ކިއުމަކީ، އެއްވެސް ހާލެއްގައި އިދިކޮޅު ފަރާތްތަކުގެ ފިކުރު ކަމަށް އިންޑިއާއިން ގަބޫލު ނުކުރާކަން"
ސަންޖޭ ސުދީރު

މަންޒަރު ބަދަލުވީ، ރައީސް ޔާމީނު "އިންޑިއާ އައުޓް" ގެ އޯނާޝިޕް ނެންގެވި ހިސާބުންނެވެ. އެ ޓީޝާޓުކޮޅުގެ މޭމަތީގައި ބޮޑުސިންގާކޮށް އިންޑިއާ އައުޓް ޖައްސަވައިގެން، އިންޑިއާ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއް ވެސް މި ފަސްގަނޑުގައި ހުރެގެން ނުވާނެކަމަށް ވިދާޅުވެ، އިންޑިއާ ސިފައިން ޖެހޭނީ "ހަމަ ފައިބަން" ކަމަށް ވިދާޅުވުމުންނެވެ. ނަތީޖާއަކަށް ވީ އިންޑިއާ އައުޓް ގެ އަޑު ގަދަވެ ސަރުކާރާއި އެމްޑީޕީގެ އިސް ފަރާތްތަކުން ޑިފެންސަށް ކުޅެން ޖެހުމެވެ. އިންޑިއާއާ ޖެހިގަނެގެން އެހެން ވާން ނެތްކަން އާންމުންނަށް ވިސްނައިދޭން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމެވެ.

އިންޑިއާ ސިފައިން ރާއްޖެއައީ ކޮން އިރަކު؟

އިންޑިއާ އައުޓް ކުރަން ރައީސް ޔާމީނު ނުކުންނެވި އިރު، އެ ބުނާ ބޫޓާ އެކު އިންޑިއާ ސިފައިން ރާއްޖެ ފޭބީ ކޮން އިރަކުކަން ސާފުވާން ޖެހެއެވެ. އެކަން ހިނގީ ފުރަތަމަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި 2010 ވަނަ އަހަރު، މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތޯ، ހެލިކޮޕްޓަރު އެއްބަސްވުން 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާކުރި އިރުގައިތޯ ސާފުވާން ޖެހެއެވެ.

ރާއްޖެއަށް 2 ވަނަ ހެލިކޮޕްޓަރާއެކު އައި އިންޑިއާގެ ޕައިލެޓުންނަށް އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު މަރުހަބާ ވިދާޅުވަނީ / ފޮޓޯ: ސަން

ނޫނީ، ދެ ވަނަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރު ސޮއި ކުރި އިރުގައިތޯވެސް ސާފުވާން ޖެހެއެވެ.

"އެމީހުން ބޭސް ހަދައިގެން ތިބީ ލ ގައި، އެތަނަށް ފޭބި ސިފައިންނާއި އަނބިދަރިން ހިމެނޭ ގޮތަށް 6 އާއިލާ، ރަނގަޅު ފެންވަރަށް ހަދާފައި ހުރި 6 ގެ އެމީހުން ހިފި، އެމީހުން ތިބީ ތި ބުނާ ބޫޓުވެސް ހިފައިގެން ގޮސް، އެއީ 2015 ވަނަ އަހަރު"
ލ. ކައްދޫގައި މަސައްކަތެއް ކުރަން ގޮސް އޭރު ހުރި ވިޔަފާރިވެރިއެއް

ހެލިކޮޕްޓަރާއެކު ލ. ކައްދޫގައި ހެނގަރު ހަދައިގެން ތިބި އިންޑިއާ ސިފައިން އުޅުނު ގޮތް ދެނަހުރި މީހަކު (ލ. ކައްދޫގައި މަސައްކަތެއް ކުރަން ގޮސް އޭރު ހުރި ވިޔަފާރިވެރިއެއް) ކިޔައިދިން ގޮތުން، މިއަދު "އިންޑިއާ އައުޓް" ގޮވިޔަސް އިންޑިއާ "އިން" ކުރުމުގައި އެމީހުން ވެސް ބައިވެރިވެއެވެ. އޭނާ އިޝާރާތް ކުރީ ރައީސް ޔާމީނުގެ ވެރިކަމަށެވެ. ރާއްޖެއަށް ދިން 2 ވަނަ ހެލިކޮޕްޓަރު ލ. ކައްދޫގައި ބޭއްވީ ޔާމީނުގެ ވެރިކަމުގައެވެ. ފުރަތަމަ ދިން ހެލިކޮޕްޓަރު ބޭއްވީ އައްޑުއަތޮޅު ގަމުގައެވެ. 2 ހެލިކޮޕްޓަރު ރާއްޖެ ގެނައި އިރު އެ 2 އުޅަނދު ބެލެހެއްޓުމުގެ ނަމުގައި އޭރު ރާއްޖޭގައި އިންޑިއާގެ 48 ސިފައިން ތިއްބެއެވެ.

ރައީސް ނަޝީދު، އިންޑިއާ ހައިކޮމިޝަނުގެ ހިމާޔަތުން ނުކުމެވަޑައިގެން ރާއްޖޭގައި އޭރު ހުންނެވި އިންޑިއާގެ ހައިކޮމިޝަނަރަރު އަކީލޭޝް މިޝްރާއާ ބައްދަލު ކުރެއްވުމުގެ ތެރެއިން ---

އެހެންވީމައި ނަޝީދުވެ ވެރިކަމުން ފެށިގެން އިންޑިއާގެ ސިފައިން ދިޔައީ ރާއްޖެއަށް އަންނަމުންނެވެ. ނަޝީދު އިންޑިއާއަށްޓަކައި ރާއްޖެ ހުޅުވާލަދެއްވިލެއް ބޮޑުކަމުން، ހާލަތުގެ ފައިދާ އިންޑިއާއިން ނެގީކަމުގައި ބުނަންޖެހެއެވެ.

އައުޓް ކުރަންވީ މިލިޓަރީ!

ޓީޝާޓްކޮޅުގައި ބޮޑުއަކުރުން "އިންޑިއާ އައުޓް" ޖައްސަވައިގެން އުޅުއްވަނީ މުޅިއަކުން ރަނގަޅަށް ކަމަކަށް ނުފެނެއެވެ. މަސްރަހު ނުތަނަވަސް ވެގެން އުޅެނީ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ހާރިޖީ ގުޅުމާއި، ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާ ހެދި ނޫންކަން ސާފުވެއެވެ. އަދި ބޭސްފަރުވާއާއި ތައުލީމާއި އެނޫންވެސް ވަސީލަތްތަކާ ހުރެ ނޫންކަންވެސް އެނގެއެވެ.

އައުޓް ވާން ޖެހެނީ މިލިޓަރީއެވެ. އެއީ އިންޑިއާ ކަމަށް ވިޔަސް، ޗައިނާ ކަމަށް ވިޔަސް، އަދި އެމެރިކާ ކަމަށް ވިޔަސް، އައުޓްވާން ޖެހޭ މީހުންނަށް ވުރެ ބޭރަށް އައުޓް ވީމައި ތަންކޮޅެއް އައިބެއެވެ. ގައުމެއްގެ ނިސްބަތުން ވިސްނިޔަސް، ބަވަނަވެފައިވާ މި ދުނިޔޭގައި ރާއްޖެއަކީ ވެސް ވަކި ބަޔަކާ "ލެޑިގަނެގެން" ތިބެވޭކަށް އޮތް ގައުމެއް ނޫނެވެ. އެއް ދާއިރާއަށް ވުރެ ގިނަ ދާއިރާތަކުން އެއް ގައުމާއި އަނެއް ގައުމު މިއަދު ވަނީ ލާމެހި ގުޅިފައެވެ. ގައުމެއްގެ ނިސްބަތުން މުޅި އިންޑިއާއާ ހަތުރުވެގެން ނުކުންނަ ނަތީޖާގެ ނުރަނގަޅު އަސަރު، ސީދާކޮށް ކުރާނެ އެއްބަޔަކީ ދިވެހިންނެވެ.

"ދޭތެރެ ދޭތެރެއިން ފުލުހުން ވަންނާނެ ރެއިޑަށް، ވަދެ ސެންޓް ކޮޅުވެސް ގެންދާނެ، އެހާ އުނދަގޫ ބޮޑު"
ޓްރިވެންޑްރަމްގައި ދިރި އުޅޭ ދިވެހި އާއިލާއެއް

އެންމެ ގިނަ އަދަދަކަށް ދިވެހިން ގޮސް ތިބޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހި އާއިލާއަކުން ބުނީ، ކުރިންވެސް އަދި މިހާރުވެސް ދޭތެރެ ދޭތެރެއިން ފުލުހުން އެމީހުންގެ ގޭގެއަށް ވަދެ އެމީހުން ގެންގުޅޭ ސެންޓް ކޮޅާ އެއްޗެހިވެސް ގެންދާ ކަމަށެވެ. އެތައް ސުވާލެއް ކޮށް އިރުއިރުކޮޅާ ވަންނާތީ އުނދަގޫތަކެއް ވާކަމަށެވެ.

ނޭނގި ނަމަވެސް ނުވަތަ އެނގިތިބެ ގަސްދުގައި ކުރިޔަސް ނުވަތަ ވަތަނީ ވިޔަސް ކަންކަން ކުރަންވާނީ ޖަމްއުކޮށް އެންމެނަށް އެކަމަކުން މަންފާއެއް ނުވަތަ ލުޔެއް ލިބޭނެ ކަންކަމެވެ. އަދި ފަސޭހައެއް ވާނެ ގޮތަކަށެވެ.

އެެހެންވީމައި ވަތަނީ ލޭބަލްގައި ގޮވަން ވީ، ކުރިން ގެންދަން ބުނެގެންވެސް ހެލިކޮޕްޓަރުތައް ވެސް ނުގެންގޮސް، އިތުރަށް ޑޯނިއާއާއެކު ސިފައިން ގެނެސް ބަނޑަހަ ޖަހައިގެން ތިބި "މިލިޓަރީ އައުޓު" ކުރާށެވެ.