އިންޑިއާގައި ވެސް ދިވެހިން ސިފައިން އެބަތިބި ކަމަށް ވިދާޅުވެ އެސިފައިންގެ ސަބަބުން އިންޑިއާގެ އިސްތިގުލާލަށް އެއްވެސް އުނިކަމެއް އާދޭތޯ އައްސަވާ ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ސުވާލު އުފައްދަވައިފިއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމުން އިތުރަށް ވައިގައި ހިފާފައި ވަނިކޮށް ސަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިޔާގައި ގަވައިދާ އެއްގޮތައް ދިވެހި ކިތަންމެ ސިފައިންނެއް މިވަގުތުވެސް އެބަތިބި ކަމަށާއި އެހެންނަމަވެސް އިންޑިޔާގެ އިސްތިގްލާލަށް އެއްވެސް އުނިކަމެއް އަންނާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި އަސްކަރީ ގުޅުމުގެ ތެރެއިން އެއް ގައުމެއްގެ ސިފައިން އަނެއް ގައުމެއްގައި ތިބުން އެއީ މިޒަމާނުގަައި އާންމު ކަމެއް ނޫންތޯވެސް ސަލީމް ވަނީ ސުވާލު އުފައްދަވާފައެވެ.
އިންޑިއާގައި ވެސް ދިވެހިން ސިފައިން ތިބި ކަމަށް ސަލީމް އެ ވިދާޅު ވީ އެކިއެކި ތަމްރީންތައް ހެދުމަށް އެ ގައުމަށް ގޮސް ތިބި ދިވެހި ސިފައިންނަށް އިޝާރާތް ކުރަށްވައި ކަމަށް ވާނަމަ ރާއްޖޭގައި އިންޑުއާ ސިފައިން ތިބީ އެ ގޮތަށް އެ ހައިސިއްޔަތުގައިތޯ ސުވާލު އުފެދެއެވެ. އަދި މި ސުވާލު ގިނަ ބަޔަކު ދަނީ އުފައްދަމުންވެސް މެއެވެ.
"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތާއި ކ. ތުލުސްދޫގައި ބޭއްވި ހަރަކާތުގައިވެސް ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ޖަހާފައި އޮތް ޓީޝާޓު ތުރުކުރައްވައިގެން ބައިވެރިވެ ވަޑައިގެންފައެވެ.
ސަރުކާރުގެ ބައެެއް ވެރިންނާއި ސަޕޯޓަރުން މިކަމާ އަންނަނީ ފާޑުކިޔަމުންނެވެ.