ތޫފާން ރާއީގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެގައުމުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، ފިލިޕީންސްއަށް އެރި ތޫފާނުގައި ގެއްލުން ލިބުނު ސަރަހައްދުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކާއި، ފިލިޕީންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓާ ގުޅިގެން ކުދިންނަށް ބޭނުންވާ ކާނާ އާއި ބޯފެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ތޫފާނު ރާއީ ފިލިޕީންސަށް އަރާފައިވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި 30 އަށް ވުރެ ގިނަ މީހުން ވަނީ މި ތޫފާނުގެ ސަބަބުން ވަނީ މަރުވެފައެވެ.

ހަމައެހެންމެ 3 ލައްކަ އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ފިލިޕީންސަގެ އެސަރަހައްދުގައި ރާއްޖޭގެ ގާތްގަނޑަކަށް 20 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.