ވިލާތުގެ ގައުމުތަކުގައި ކޮވިޑްގެ އާވޭރިއަންޓް ހަލުވިކަމާއެކު ބާރަށް ފެތުރެމުންދާ ކަމަށް ފަރަންސޭސިވިލާތުގެ ބޮޑު ވަޒީރު ޖޯން ކެސްޓޭޒް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެސްޓޭޒް ވިދާޅުވީ، އަންނަ އަހަރު ފެށޭ އިރު ފަރަންސޭސިވިލާތުގައި ވެސް ގިނަވާނީ އޮމިކްރޯން ވޭރިއަންޓް ކަމަށާ މިކަމަށްޓަކައި ސަރުކާރުން އާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން، ފަރަންސޭސިވިލާތުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒްއާއި ދެވަނަ ޑޯޒްގެ ދެމެދު އޮންނަ މުއްދަތު ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ފަރަންސޭސި ސަރުކާރުން ބުނެއެވެ. މީގެ އިތުރުން އެގައުމުގައި ހިންގާ ރެސްޓޯރަންޓްތަކަށް ވަދެވޭނީ ވެކްސިންގެ ދެޑޯޒް ޖަހައިގެން ކަމަށާ ދިގު ދަތުރުކުރެވޭނީ ވެސް ޑޯޒްތައް ފުރިހަމަކޮށްގެން ކަމަށް ފަރަންސޭސި ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މީލާދީ އާއަހަރުގެ ފެށުން ފާހަގަކުރަން ބާއްވާ އެކި އެކި އިވެންޓްތައް ވެސް ކެންސަލްކޮށްފައިވާ ކަމަށާ ބަޑި ބޭހުގެ ކުޅިވަރުތަކެއް ވެސް ނޯންނާނެ ކަމަށް ވެސް ފަރަންސޭސި ސަރުކާރުން ބުނެއެވެ.

ވިލާތުގައި އޮމިކްރޯން އެންމެ ގިނައިން ފެނިފަިއވާ އިނގިރޭސިވިލާތުން އަންނަ ބައެއް ދަތުރުވެރިންނަށް ފަރަންސޭސި ބޯޑަރު ބަންދުކޮށްފައިވާ ކަމަށް ވެސް ފަރަންސޭސި ސަރުކާރުން ވަނީ ބުނެފައެވެ. މިގޮތުން، ފަތުރުވެރިންނާއި ވިޔަފާރި ބޭނުންތަކަށް އިނގިރޭސިވިލާތުން ފަރަންސޭސިވިލާތަށް އަންނަ މީހުން ދެން އެގައުމަށް ނުވެއްދޭނެ ކަމަށް ފަރަންސޭސިވިލާތުން ވަނީ ހާމަކޮށްފައެވެ.

ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތާއި، އަޔާލަންޑާއި ނެދާލޭންޑްސްއިން ވެސް ވަނީ ކޮވިޑް ފެތުރުމާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ.