އަރަބިއްޔާ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް، ދަރިވަރުންގެ ބެލެނިވެރިން ސުލްހަވެރި އިހުތިޖާޖެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު އަރަބިއްޔާ ސްކޫލް ކުރިމަތީގައި އިހުތިޖާޖުކުރި ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅުކަން ހާމަކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީވެ، މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް ހާއްސަ ކުރުމަށާއި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށާއި، ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓުގައިވާ ލަފަޔާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް، އެޑިއުކޭޝަނުން މި ނިންމުން ނިންމާފައިވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލުވާން ބެލެނިވެރިން ދެކޮޅު ހަދަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެކަން ފާހަގަކޮށް އަރަބިއްޔާގެ ޕީޓީއޭއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، އެ ސްކޫލްގެ ބެލެނިވެރިންނާއި މެނޭޖްމެންޓުގެ އިއްތިފާގުން އެއްބަސްވެ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށާއި، އެކަން އެގޮތަށް ކޮށްފި ނަމަ، ދަރިވަރުންގެ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމަށެވެ.

"ވީމާ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުމުގެ ހައްގަށް ހުރަސްއެޅި، އެކުދިންގެ އަރަބި އިސްލާމީ މަންހަޖުގެ ތައުލީމު އެކީ އެކަށް ފުނޑުފުނޑުވެގެން ދާނެހެން އެޑިއުކޭޝަނުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެ ބަޔާނުގައިވެއެވެ.

އަރަބިއްޔާ ސްްކޫލްގެ އިމާރާތް ބާވެ ރެނދުލާފައި ހުރުމުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާތީވެ، ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައިވެއެވެެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަނުގައި ރެނދު އަޅައި ކޮންކުރީޓް ބައިތައް ވެއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ގޮތެއް ނިންމާފައިވަނީ ބެލެނިވެރިންގެ ވިސްނުމާ ހިލާފަށް ކަމަށް އެ ސިޓީގައިވެއެވެ.

ނަމަވެސް ދެވަނަ ސިޓީއެއްވެސް ރައީސަށް ފޮނުވާފައިވާއިރު، ދެން ފެނުނީ އެސިޓީއަށް ޖަވާބެއް ނުދީ، އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލްގެ ދަރިވަރުންނާ އެއް ވަގުތެއްގައި އެއް އިމާރާތެއްގައި ކިޔަވާ ގޮތަށް އެޑިއުކޭޝަނުން ނިންމައި ބަޔާން ނެރުނު މަންޒަރު ކަމަށް ބެލެނިވެރިން ބުންޏެވެ.

މިހާރު އަރަބިއްޔާ ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.