މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް އަރަބިއްޔާ ސްކޫލަށް ހާއްސަ ކުރުމަށާއި އަދި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އަރަބިއްޔާ ސްްކޫލްގެ އިމާރާތް ބާވެ ރެނދުލާފައި ހުރުމުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާތީވެ، ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައިވެއެވެެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ތަންތަނުގައި ރެނދު އަޅައި ކޮންކުރީޓް ބައިތައް ވެއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ގޮތެއް ނިންމާފައިވަނީ ބެލެނިވެރިންގެ ވިސްނުމާ ހިލާފަށް ކަމަށް އެ ސިޓީގައިވެއެވެ.
މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަރަބިއްޔާ ސްކޫލަކީ ސަރުކާރުން ހިންގާ ސްކޫލްތަކުގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ހިންގާ ސްކޫލެއް ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް މުއައްސަސާގެ ގޮތުގައި އެޑިއުކޭޝަނުން ވަނީ ސިފަކޮށްފައެވެ.
ހަމަ އެއާއެކު، އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ބެލުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި، މިވަގުރު އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީވެ، ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށާއި، މިހާރު ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް އަރަބިއްޔާ އަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން ދަނީ މަސައްކަތްކުރަމުން ކަމަށާއި، އެހެންކަމުން ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓުގައިވާ ލަފަޔާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމަށެވެ.
މިހާރު އަރަބިއްޔާ ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.