ކޮވިޑް-19ގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް އެލަވަންސް ނުލިބޭތީ އިހްތިޖާޖު ކުރަން ފަށައިފިއެވެ.
ހެލްތް މިނިސްޓްރީ ދޮރުމަތީގައި އެޗްއޯސީގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަމުން ދާއިރު އިހުތިޖާޖުގެ ބައިވެރިން ބުނަމުން ދަނީ އެޗްއީއޯސީގައި މިދިޔަ އަހަރު މާޗް މަހުން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދާ ބައެއް މީހުނަށް އަދި ވެސް އެލަވަންސް ނުލިބޭ ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޗްއީއޯސީ އަދި ހެލްތް މިނިސްޓްރީއަށް ރަސްމީކޮށް ސިޓީ އަދި އީމެއިލް ފޮނުވާފައިވާ ކަމަށާއި ނަމަވެސް ސިޓީ އަދި އީމެއިލްތަކަށް ވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބައިވެރިން އަންނަނީ ބުނަމުންނެވެ.
ބައިވެރިން ބުނިގޮތުގައި އެލަވަންސް ނުލިބި ލަސްވާ ސަބަބެއްގެ ގޮތުން ބުނަނީ އެލަވަންސް ޝީޓްތަކުގައި މައްސަަލައެއް އުޅޭ ކަމަށެވެ.
ބައިވެރިން ވަނީ އެލަވަންސްތައް އިންސާފުވެރިކަމާ އެކު ޖަމާވަން ދެން، އިހްތިޖާޖު ކުރުމުގައި ދެމި ތިބޭނެ ކަމަށް ބުނެފައެވެ.
ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެެ ހަތްވަނަ ދުވަހުއެވެ.
ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ.
އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާގޮތުން ދިމާވާ މީހުންނަށް އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 500 ރުފިޔާއެވެ. މިއީ ހައިރިސްކު ކެޓަގަރީއެވެ. އެމްބިއުލާންސްގެ ޓީމަށް 2 މަހަށް އެލަވަންސް ދިނީވެސް މި ރޭޓުންނެވެ.
އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނާފައި ވާއިރު އެފަދަ މީހުންނަށް ދޭން ކަނޑައެޅީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާއެވެ.
އިންސާނީ ޚިދުމަތުގައި އުޅޭކަމަށް ބުނާމީހުންގެ ފަރާތުން މިފެންނަނީ ހާދަ ތަފާތު ޢަމަލެކޭ. ކޮންމެ ކަމަކަށް އިހުތިޖާޖު..