ސްރީލަންކާގެ ސިއްހީ ދާއިރާއާއި ކަރަންޓު ފޯރުކޮށްދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހިދުމަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުން ކުރިއަށް ގެންދާ ހަޅުތާލުތައް ހަފުތާއެއްހާ ދުވަހަށް ދިގުލާ ގޮސް، ހިދުމަތްތަކަށް ބުރޫ އަރަން ފަށާފައި ވާ އިރު، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަކަޕްސަ، އެ ހަޅުތާލުތަކަށް ހުރަސް އަޅުއްވައިފިއެވެ.
ގޮތަބާޔާ ރާޖަޕަކްސަ ވަނީ، އެ 2 ދާއިރާގެ ހިދުމަތްތައް ހުއްޓުމަކަށް ގެނައުން މަނާކޮށް 1979 ވަނަ އަހަރު އެކުލަވާލި ގާނޫނީ އަމުރު ތަންފީޒު ކުރައްވާ، މި ހަޅުތާލުތައް ކުރިއަށް ގެންދިއުން މަނާ ކުރައްވާފައެވެ.
މިއާއެކު މަސައްކަތް ކުރުމަށް ދެކޮޅު ހަދާ ފަރާތްތަކުގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އެސެޓްތައް އަތުލުމުގެ ބާރު، ކޯޓުތަކަށް ލިބިގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.
އަސާސީ ހިދުމަތްތެރިންގެ ހަޅުތާލުތަކަށް ގޮތަބާޔާ ރާޖަޕަކްސަ ހުރަސް އަޅުއްވާފައި ވަނީ، ސިއްހީ ހިދުމަތްތެރިން ކުރަމުންދާ ހަޅުތާލު ހުއްޓާލުމަށް ބުރާސްފަތި ދުވަހު ނެރުނު ކޯޓު އަމުރަކަށްވެސް އެ މަސައްކަތްތެރިން ކިޔަމަން ނުވުމާ ގުޅިގެންނެވެ.
ހަޅުތާލު ކުރުމާ ދެކޮޅަށް ގޮތަބާޔާ އަމުރު ނެރެއްވި ނަމަވެސް، ހަޅުތާލުތައް ހުއްޓާލި ކަމަކަށް ނުބެލެވެއެވެ. ރައީސްގެ އަމުރު އެގޮތަށް އޮތް ނަމަވެސް، ހަޅުތާލުތައް ކުރިއަށް ގެންދެވޭނެ ގޮތެއް އޮތް ތޯ ބެލުމަށް ވަކީލުންނާއެކު ސިއްހީ ހިދުމަތްތެރިން މަސައްކަތް ކުރަމުން ދާ ކަމަށް ހަބަރު ލިބެއެވެ.
ސިއްހީ ހިދުމަތްތެރިންގެ ހަޅުތާލުގައި އެތައް ހާސް މުވައްޒަފުންނެއް ދަނީ ބައިވެރިވަމުންނެވެ. ކުއްލި ނުރައްކަލުގައި ހިދުމަތްދޭ މުވައްޒަފުން ވަޒީފާގައި ހަރަކާތްތެރިވި ނަމަވެސް، ހޮސްޕިޓަލުތަކުން ރޫޓީން އުސޫލުން ދޭ ގިނަ ހިދުމަތްތަކެއް ވަނީ މެދުކަނޑާލާފައެވެ.
ސިއްހީ ހިދުމަތްތެރިން ހަޅުތާލަށް ނިކުތީ، މުސާރާގައި އިންސާފު ނެތް ކަމަށް ބުނެއެވެ.
ކަރަންޓާ ބެހޭ ސެކްޓަރުގެ ހިދުމަތްތެރިން ސީދާ ގޮތުން ހަޅުތާލަށް އަދި ނުނިކުތް ކަމުގައި ވީ ނަމަވެސް، ތާމަލް ޕަވާ ޕްލާންޓް އެމެރިކާއަށް ވިއްކާލުމަށް ސަރުކާރުން ރާވާފައި ވާ ރޭވުމާ އެއްގޮތަށް ކުރިއަށް ގެންގޮސްފިނަމަ، ހަޅުތާލު ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.