ކޮވިޑް-19 ގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެމްބިއުލާންސް ތަކުގައި މަސައްކަތް ކުރާ މީހުންގެ ދައުރު ވެސް ބޮޑެވެ. އެމްބިއުލާންސް މުވައްޒަފުންގެ ހަމައެކަނި މަސައްކަތަކީ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމެއް ނޫނެވެ. އެގޮތުން ބައެއް ދުވަސް ދުވަހު މުޅި ދުވަހު އެއްކޮށް ޕޮޒިޓިވް މީހުން ގޮވައިގެން އުޅެން ޖެހޭ އިރު ޕޮޒިޓިވް ވެފައިވާ މީހުން އުފުލާ، ގޭގެ މަތިން، ތިރިއަށް ގެންދިއުމަކީ ވެސް އެމުވައްޒަފުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ގިނަ ވަގުތުތަކެއް މިކަމުގައި ހޭދަކުރަން ޖެހުނު ނަމަވެސް މި ގޮތަށް އުޅެން އެމީހުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ޝަކުވާއަކަށް އޮތީ ކޮވިޑް-19ގެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ދެމުންދާ ފްރޮންޓްލައިން އެލަވަންސް އައިޖީއެމްއެޗް އެމްބިއުލާންސް މުވައްޒަފުންނަށް ނުލިބުމުގެ ޝަކުވާއެވެ.
އައިޖީއެމްއެޗް އެމްބިއުލާސްގައި މަސައްކަތް ކުރާ ސްޓާފެއް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެމީހުންނަށް ފޮރޮންޓްލައިން އެލަވަންސް ލިބިފައިވަނީ އެންމެ ދެމަހަށެވެ. އެއީ މިދިޔަ އަހަރުގެ އެޕްރީލް އަދި މޭ މަހުގެ އެލަވެންސް ކަމަށާއި އޭގެ ފަހުން ފާއިތުވެ މިދިޔަ އަހަރެއްހާ ދުވަހު އެލަވަންސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗް އެމްބިއުލާސްގެ ޑްރައިވަރުން އަދި އެހީތެރިންގެ ގޮތުގައި 30 މީހަކު އުޅޭއިރު އެއިން އެކަކަށް ވެސް އެލަވަންސް ދީފައި ނުވާ ކަން ފާހަގަކޮށް އޭނާ ބުނީ އެމީހުންނާ އެކީ އުޅޭ ފެރަމެޑިކް ކުދިންނަށް އެލަވަންސް ދީފައިވާ ކަމަށެވެ.
އެލަވަންސް ނުލިބޭންވީ ސަބަބެއް ނުބުނާ ކަމަށާއި އަދި އައިޖީއެމްއެޗް ޓްރާސްޕޯޓް ޔުނިޓު ވައިބާ ގުރޫޕްގައި އެވާހަކަ ބުނާ ކޮންމެ ފަހަރު އެލަވަންސް ފޮނުވާފައިވާ ކަމަށް ބުނި ނަމަވެސް އެކައުުންޓަށް ޖަމާވެފައި ނުހުންނަ ކަމަށް އެމީހާ ބުނެއެވެ.
ކޮވިޑް-19އާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެެ ހަތްވަނަ ދުވަހުއެވެ.
ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ.
އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާގޮތުން ދިމާވާ މީހުންނަށް އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 500 ރުފިޔާއެވެ. މިއީ ހައިރިސްކު ކެޓަގަރީއެވެ. އެމްބިއުލާންސްގެ ޓީމަށް 2 މަހަށް އެލަވަންސް ދިނީވެސް މި ރޭޓުންނެވެ.
އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނާފައި ވާއިރު އެފަދަ މީހުންނަށް ދޭން ކަނޑައެޅީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެކި އިދާރާތަކުން މުޅި 3.4 ބިލިއަން ރުފިޔާ (3431.5 މިލިއަން ރުފިޔާ) ވަނީ ހަރަދު ކޮށްފައެވެ. އަދި އޭގެ ތެރެއިން 160.26 މިލިއަން އަކީ އެލަވަންސަށް ކުރި ހަރަދު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އައިޖީއެމްއެޗްގެ އެމްބިއުލާސް ތަކުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ނުލިބެނީ ކީއްވެތޯ ސާފު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އޮފިޝަލެއްގެ ގާތުގައި އެހުމުން ވަކި ޖަބާވެއް ނުދެއްވިއެވެ.
ޕަބްލިކް ރިލޭޝަންސް އާއި ކޮޮންޓެކްޓް ނުވާ މީހަކު މަދުވާނެ،މީހަކު ޕަބްލިކް ރިލޭޝަންސް އާއި ދިމާވާއިރު އޭނަ ނިތްކުރީގަ ޖަހާފަ ނީދޭ ޕޮސިޓިވް އޭ.އެލް އޯ އެލް
އެމްބިއުލާންސް އެކަނި އެއްނޫން. ޕަބްލިކްރިލޭޝަންއަކަށް ވެސް ނުލިނޭ
ޕަބްލިކް ރިލޭޝަން ބޭފުޅުން ވެސް ކޮވިޑް މީހުން އުފުލާ ތޯ؟