މުސާރަ ދިނުމުގައި ހުރި ހަމަނުޖެހޭ ކަންތައްތައް ހައްލު ކޮށްދީފައި ނުވާތީއާއި، އެނޫންވެސް ހިތްހަމަނުޖެހުންތަކަށް ކަމާ ބެހޭ ފަރާތްތަކުން އެދެވެ އިޖާބައެއް ދީފައި ނުވާ ކަމަށް ބުނެ، ސްރީލަންކާގެ ސަރުކާރުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ސިއްހީ ހިދުމަތްތެރިން، މުއްދަތެއް ނެތް ގޮތަށް، މިއަދު ހަޅުތާލު ފަށައިފިއެވެ.

ނަރުހުންނާއި ޕެރަމެޑިކްސް އިތުރުން ލެބްރޯޓްރީ ޓެކްނީޝަނުންވެސް އެނޫންވެސް ސިއްހީ ހިދުމަތްތެރިން ހިމެނޭހެން މިއަދު ފެށި ހަޅުތާލުގައި، ސިއްހީ ދާއިރާގެ 18 ޓްރޭޑް ޔޫނިއަނެއްގެ މެންބަރުން ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޓްރޭޑް ޔޫނިއަންތަކުން ބުނީ، ހަޅުތާލު ފަށާފައި ވަނީ ލަންކާ ގަޑިން މިއަދު ހެނދުނު 07:00 ގައި ކަމަށެވެ. ނަމަވެސް، ކެންސަރު ބައްޔާ، މާބަނޑު މީހުންނާ ބެހޭ ޔުނިޓްގެ އިތުރުން ކުޑަކުދިންގެ ހޮސްޕިޓަލްތަކާ، ކިޑްނީ ބައްޔާ ބެހޭ ޔުނިޓާއި ބްލަޑް ބޭންކުގައި ހަޅުތާލު ނުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން އެމާޖެންސީ ހިދުމަތްތަކާ، ފުރާނަ ސަލާމަތް ކުރުމާ ގުޅިފައިވާ ދާއިރާތަކުގައިވެސް ހަޅުތާލު ކުރިއަކަށް ނުދާނެ ކަމަށް ހަބަރު ލިބެއެވެ.

މިއަދު ފެށި ހަޅުތާލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، ސްރީލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާޒް ޔޫނިއަންގެ އުޕޫލް ރޮހާނާ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކޮންމެހެން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމަށާ، އިންތިހާއަށް ކުރިޓިކަލް ބަލި މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުން ފަދަ މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް ސިއްހީ ހިދުމަތްތެރިން އިސްނަގާފައި ވާ ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް ހަޅުތާލު ކުރަމުންދާ ޔޫނިއަންތަކުން ވަނީ، ޓީޗަރުންގެ މުސާރާގައި ހުރި ނާއިންސާފު ކަމަށް ހައްލު ހޯދާ ދިން ފަދައިން، ސިއްހީ ހިދުމަތްތެރިންގެ މުސާރައަށްވެސް އިންސާފުވެރި ބަދަލެއް ގެނެސްދިނުމަށް ޑިމާންޑް ކޮށްފައެވެ.