ރާއްޖޭގެ ފަހުގެ ތާރީހެއްގައި ދިވެހިންގެ ދިރިއުޅުމަށް އެންމެ ބޮޑަށް އަސަރު ކުރި ކަމަކީ މިދިޔަ އަހަރުން ސުރެ ފެތުރެމުން މިއަންނަ ކޮވިޑް-19އެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު މުޅިދުނިޔެއަށް ފެތުރިގަތުމާ އެކު ފެބްރުއަރީ 3، 2020 ގައި ދިވެހިރާއްޖެއަށް އެތެރެވާ މީހުން (ޗައިނާގައި ތިބި ދިވެހިން ފިޔަވާ) ވަކި ގައުމަކަށް ބެލުމެއްނެތި ހުއްޓުވާލިއެވެ. ގިނަބައެއްގެ ފާޑުކިންތައް އަމާޒުވި ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ވައިރަސް ރާއްޖެއަށް އެތެރެވިޔަސް ފެތުރުނަ ނުދިނުމަށެވެ. ނަމަވެސް ރާއްޖޭގައި ބަންދުވެފައި ތިބި މީހުންނާއި ރާއްޖެ ނާދެވިފައި ތިބި މީހުން ގެނައުމުގެ ނަމުގައި ފްލައިޓްތައް ދިޔައީ އޮޕަރޭޑް ކުރަމުންނެވެ. ނަތީޖާއަކަށް ވީ މާޗް 7، 2020 ވަނަ ދުވަހު ރާއްޖެއިން ދެ ޓޫރިސްޓަކު ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއެކު ކޮވިޑް 19 އިގެ ބިރުވެރިކަން ދިވެހިންގެ ތެރޭގައި ވެސް ފެތުރިގެން ދިއުމެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ގައެވެ. ކޮވިޑްގެ ތިން ރާޅަކާ ކުރިމަތިލާން ޖެހުނު އިރު، ސަލާމަތުގެ އައްސޭރި ފަށަން އައުމަށްޓަކައި ރާއްޖެ "ފަލި ޖެހީ" އުފެއްދި ވެކްސިންތަކާ ދިމާލަށެވެ.

މިދިޔަ ފެބްރުއަރީ މަސް ފެށިގެން އައީ ވެކްސިންގެ ޑޯޒްތައް ޖަހައި ބަލިން ރައްކާތެރި ވާން ފެށި ކެމްޕޭނާ އެކު ފޮނި އުންމީދަކާ އެކުއެވެ. މިހާރު ރާއްޖޭގައި ހުއްދަ ދީފައިވާ ވެކްސިންގެ ތެރޭގައި ކޮވިޝީލްޑް ވެކްސިނާއި، ސައިނޯފާމް ވެކްސިންގެ އިތުރުން މޮޑާނާ، ފައިޒާ، ސްޕަޓްނިކް، ޖޯންސަންގެ ވެކްސިން އަދި އެސްޓްރަޒެނެކާ ވެކްސިން ހިމެނެއެވެ.

ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރަށް ގޮސް ތިބި މީހުން / ފޮޓޯ: ދަ ޕްރެސް

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައި ވަނީ ފައިޒާ ވެކްސިންނެވެ.

މިހާރު ބޫސްޓާ ޑޯޒް ޖަހަމުން ދަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 50 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުނަށެވެ، ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ މެއި މަހު ކޮވިޑް ކޭސް އަދި މަރުތައް އިންތިހާއަށް އިތުރު

މި ދިޔަ އަހަރު ނިމުނު އިރު ކޮވިޑް ޕޮޒިޓިވް ކޭސްގެ ގޮތުގައި 81،943 ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިދިޔަ އަހަރު މަރުވި މީހުންގެ އަދަދު ވަނީ 214 ގައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޖެންޑާ މިނިސްޓްރީން ސައިކޯ ސޯޝަލް ސަޕޯޓް ހިދުމަތް ދެނީ / ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިދިޔަ އަހަރުގެ ޕޮޒިޓިވް ކޭސްތަކާއި މަރު

  • ޑިސެމްބަރު: 3950 ޕޮޒިޓިވް ކޭސް، 11 މަރު
  • ނުވެމްބަރު: 3735 ޕޮޒިޓިވް ކޭސް، 7 މަރު
  • އޮކްޓޫބަރު: 2772 ޕޮޒިޓިވް ކޭސް، 12 މަރު
  • ސެޕްޓެމްބަރު: 3508 ޕޮޒިޓިވް ކޭސް، 5 މަރު
  • އޮގަސްޓު: 3565 ޕޮޒިޓިވް ކޭސް، 5 މަރު
  • ޖުލައި - 3501 ޕޮޒިޓިވް ކޭސް، 8 މަރު
  • ޖޫން - 8634 ޕޮޒިޓިވް ކޭސް، 41 މަރު
  • މެއި - 34،561 ޕޮޒިޓިވް ކޭސް، 88 މަރު
  • އޭޕްރީލް - 5756 ޕޮޒިޓިވް ކޭސް، 6 މަރު
  • މާޗް - 4286 ޕޮޒިޓިވް ކޭސް، 5 މަރު
  • ފެބްރުއަރީ - 3952 ޕޮޒިޓިވް ކޭސް، 10 މަރު
  • ޖެނުއަރީ - 2084 ޕޮޒިޓިވް ކޭސް، 4 މަރު

މެއި މަހަކީ ކޮވިޑުގެ އެންމެ ބިޔަ ރާޅު ޖެހި މަހެވެ. ސިއްހީ ހިދުމަތްތެރިން ރެއާ ދުވާލު ނުނިދާ ގައުމީ ހިދުމަތުގައި އަވަދިނެތި އުޅުނެވެ. ޑޮކްޓަރުންނާއި ނަރުހުން އެކަންޏެއް ނޫނެވެ. އެމްބިއުލާންސް ދުއްވާ ޑްރައިވަރުންނާއި ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ މީހުންގެ ދައުރުވެސް އެހާބޮޑެވެ. މެއި މަހު އެމީހުން ކުރި ތަޖުރިބާ ތަފާތެވެ.

ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރި ނަރުހެއް "ދަ ޕްރެސް" އަށް މައުލޫމާތު ދިން ގޮތުގައި މެއި މަހަކީ އެމީހުންނަށް ބޮޑު އިމްތިހާނެއް ކުރިމަތިވި މަހެކެވެ. އެތައް ބަޔަކު ކޮވިޑްގައި މަރުވާތަން ފެނުނުމުން އެތައް އަސަރެއް ކުރި ކަމަށް އޭނާ ބުންޏެވެ.

ވަރަށް ދެރަވޭ އަސްލު، އެތައް ބަޔަކު އެޑްމިޓްކޮށް ފަރުވާ ދޭންޖެހޭ، ޕޭޝަންޓުން ގިނަ ކަމުން އެކަށީގެންވާ ފަރުވާ ދޭން ވެސް ދަރިވޭ، ދެރަވި އެކަމް ވެސް އިތުރު ގޮތެއް ނޯވޭ، ބައެއް ދުވަސް ދުވަހު މުޅި ދުވަހު ވެސް ކިޓް އަޅައިގެން އެމީހުން ކައިރި، ގެއަށް ވެސް ނުދެވޭ،
ކޮވިޑް ފެސިލިޓީއެއްގައި މަސައްކަތް ކުޜި ނަރުހެއް
ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ކުރަމުންދާ ދިވެހި ނަރުހުންގެ ތެރެއިން

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.

ކޮވިޑުގައި ވެސް ކޮރަޕްޝަން

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސެންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

ޗައިނާއިން ގަނައި 10 ވެންޓިލޭޓަރާއި އިތުރު މެޑިކަލް އިކުއިޕްމަންޓް / ފޮޓޯ: ފޮރިން މިނިސްޓްރީ

ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މީގެ ކުރިން އޭސީސީން ޕީޖީ އަށް ފޮނުވިއެވެ. އެކަމަކު، ޕީޖީން ވަނީ އެފަހަރުވެސް މައްސަލައިގެ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނެ، އެ ތަހުގީގު ފުރިހަމަ ކުރަން އަންގައިފައެވެ.

އަދި މިދިޔަ މަހު 8 ވަނަ ދުވަހު ޕީޖީއިން ވަނީ ވެންޓިލޭޓަރު ތަކުގެ މައްސަލަ އިސްލާހު ކުރުމަށް ފަހު އަލުން ހުށަހެޅުމުން އޭސީސީއަށް އެ މައްސަލަ އަނެއްކާވެސް އަނބުރާ ފޮނުވާލައިފައެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުން ވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް އެދިފައިވާނެ ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

ސަރުކާރުން ދިން ލުއިތައް

ދުވަހަކު ތަޖުރިބާ ކުރަން ނުޖެހޭ އަނދަވަޅަކަށް ވިޔަފާރިތައް ވެއްޓުނެވެ. ބަނގުރޫޓު ވުމާއި، ފައިނޭންސް ފޮތް ތަކުގައި ލިޔާ ނަންބަރުތައް ދުވަހަކު ދަށް ނުވާ ވަރަށް ދަށް ވިއެވެ. ބައެއް ކުންފުނިތަކަށް އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ނުދެވޭ ހާ ހާލަތު ގޯސްވެގެން ދިޔަ އިރު، ރައްކާ ކޮށްފައި އޮތް އެއްޗެއް ނަމަ ވެސް ހުސްވީއެވެ. ކުންފުނިތައް އެކަންޏެއް ނޫނެވެ. އަމިއްލަ ފަރުދުންނަށް ވެސް ވީ އެހެންނެވެ. އަތުގައި ރައްކާ ކޮށްފައި އޮތްހާ އެއްޗެއް ހުސްވެ، ބިކަވީއެވެ. ވިޔަފާތައް ވެސް ހުއްޓުނަ ނުދީ ހިފެހެއްޓީ ސަރުކާރުން ދިން ލޯނެވެ.

ޑީ 11 ވަނަ ގޮޅީގައި ވިޔަފާރިކުރާ ފަރާތުން ސާމާނުތަކެއް ކޮތަޅަށް އަޅަނީ / ފޮޓޯ: ދަ ޕްރެސް

ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރުން ސަލަމަތް ވުމަށް އިކޮނޮމިކް ރެސްޕޯންސް ޕެކޭޖްތަކުގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ދީފައެވެ.

ސަރުކާރުން ދީފައިވާ އެހީގެ ތަފްސީލްތަކަށް ބަލާއިރު އެންމެ ބޮޑު އެހީއެއް ދީފައި ވަނީ ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑް ރިކަވަރީ ލޯންގެ ދަށުންނެވެ. އެ ގޮތުން މި އަހަރު ޖުލައި މަހުގެ ނިޔަލަށް ވަނީ 709.2 މިލިއަން ރުފިޔާގެ ލޯން ދީފައެވެ.

އެހީގެ ގޮތުގައި އީއައިބީ ރިކަވަރީ ލޯން ސްކީމްގެ ދަށުން ވަނީ 354.2 މިލިއަން ރުފިޔާ ދީފައެވެ. ހަމައެއާއެކު އެސްޑީއެފްސީ މެދުވެރިކޮށް ރިކަވަރީ ލޯންގެ ގޮތުގައި ވަނީ 363.9 މިލިއަން ރުފިޔާ ދީފައެވެ.

އެސްޑީއެފްސީ، ރައީސް ސޯލިހު ހުޅުއްވައި ދެއްވާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާރު ފަހަތުގައި

ކޮވިޑްގެ ހާލަތުގައި އާންމު ފަރުދުންނާއި ވިޔަފާރިތަަކަށް ލުއި ދިނުމުގެ ގޮތުން ވަނީ ކަރަންޓް ބިލްތަކާއި ފެން ބިލް ތަކުން ވެސް ލުއިތަކެއް ދީފައެވެ. އެ ގޮތުން 2020 ވަނަ އަހަރު ފެން ބިލުން 25.9 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައި ވާއިރު މިދިޔަ އަހަރު ވަނީ ފެން ބިލުން 14.7 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. ކަރަންޓު ބިލްތަކުން 2020 ވަނަ އަހަރު 146.8 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި ވާއިރު މިދިޔަ އަހަރު ވަނީ ކަރަންޓު ބިލުން 51.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައެވެ. މި އަދަދުތަކަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ކަރަންޓާއި ފެނަށް ދީފައިވާ ޑިސްކައުންޓެވެ.

އިންކަމް ސަޕޯޓު އެލަވަންސް

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގައި ވަޒީފާ ގެއްލި އަދި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީގެ ގޮތުގައި ދޭ "އިންކަމް ސަޕޯޓް"ގެ އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައެޅިއެވެ. ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ.

ރިސޯޓުން ނޯޕޭއަށް ދިއުމަށް މަޖުބޫރު ކުރުމުން އދ ވަކަރުފަޅި ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަނީ / ފޮޓޯ: ރިސޯޓް ބޯއީސް

ނަމަވެސް މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ އެލަވަންސް ލިބޭނެ ގޮތް ހެދިއެވެ. މި ހާލަތުގައި ދިނީ 5000 ރުފިޔާއިން ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ބާކީ 5000 ހަމަކުރުމަށް ދެވޭ އަދަދެވެ.

ފެނަކަ މުވައްޒަފުން ކޮވިޑް ވިލެޖުގެ މަސައްކަތުގައި / ފޮޓޯ: ފެނަކަ

އިންކަމް ސްޕޯޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 421 މިލިއަން ރުފިޔާ ވަނީ ޖުމްލަ 22،946 މީހުންނަށް ދޫކޮށްފައެވެ.

މި ފައިސާ ހަވާލުކޮށްފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސަށް ފުރަތަމަ ފިޔަވަހީގައި 48.7 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ދެވަނަ ފިޔަވަހީގައި ވަނީ 170.6 މިލިއަން ދޫކޮށްފައެވެ. އެއަށް ފަހު ވަނީ 201.67 މިލިއަން ރުފިޔާ ތިން ވަނަ ފިޔަވހީގެ ދަށުން ދޫކޮށްފައެވެ.

ފްރޮންޑްލައިން އެލަވަންސް

ފޮރޮންޓުލައިންގައި މަސައްކަތް ކުރާ މީހުންނަކީ ގައުމަށް ކުރިމަތިވެފައި މިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލުގައި އަމިއްލަ އާއިލާއާ ދުރުގައި ގިނަ ވަގުތު ހޭދަކުރަމުންދާ އެއް ބައެވެ. ހެނދުނު މަސައްކަތަށް ނިކުންނަ ގޮތަށް ރޭގަނޑު ދަން ވަންދެން އެކަމުގައި އުޅޭ މީހުންނެވެ.

މި ދައްކަނީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ވާހަކައެއް ނޫނެވެ. ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ އެންމެހާ މުވައްޒަފުންގެ ވާހަކައެވެ. ވަރުބަލިކަމެއް ނެތި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ގައުމުގެ ހިދުމަތުގައި ނިކުމެ އެ އުޅޭ ފުލުހުންނާއި ސިފައިންގެ ވާހަކައެވެ. ދަރުމަވެރިންގެ ވާހަކައެވެ. ގައުމުގެ އިސްފަރާތްތަކުގެ ވާހަކައެވެ. ދިމާވެފައި މިވާ ހާލަތުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ފަރާތްތަކުގެ ވާހަކައެވެ. މި ދަނޑިވަޅުގައި ރައްޔިތުންނަށާއި، ގައުމަށް ހިދުމަތް ކުރުމަށް ނުކުންނަ ހުރިހާ ފަރާތްތަކުގެ ވާހަކައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޗްއާުސީއެމްގެ ސްޓާފެއް / ފޮޓޯ: އެޗްއާރުސީއެމުން

ކޮވިޑް-19އާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާ އެކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ މެއި މަހުގެެ ހަތްވަނަ ދުވަހުއެވެ.

ފްރަންޓްލައިން އެލަވަންސް ދިނުމުގައި ބަލަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ހައި ރިސްކާއި މީޑިއަމް ރިސްކާއި ލޯ ރިސްކުގެ މީހުންނެވެ.

އެގޮތުން ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާގޮތުން ދިމާވާ މީހުންނަށް އެލަވަންސްގެ ގޮތުގައި ދެނީ ދުވާލަކަށް 500 ރުފިޔާއެވެ. މިއީ ހައިރިސްކު ކެޓަގަރީއެވެ. އެމްބިއުލާންސްގެ ޓީމަށް 2 މަހަށް އެލަވަންސް ދިނީވެސް މި ރޭޓުންނެވެ.

އެފަދަ މީހުންނާ ސީދާގޮތުން ދިމާނުވި ނަމަވެސް ބަލި ޖެހިދާނެ ފަދަ މަސައްކަތް ކުރާ މީހުން ދެވަނަ ކެޓަގަރީގައި ހިމަނާފައި ވާއިރު އެފަދަ މީހުންނަށް ދޭން ކަނޑައެޅީ ދުވާލަކަށް 250 ރުފިޔާއެވެ. އަދި ތިން ވަނަ ކެޓަގަރީއެއްގެ ގޮތުގައި އެންއީއޯސީގެ އޮޕަރޭޝަނުގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިން މަސައްކަތް ކުރާނަމަ ދުވާލަކަށް 200 ރުފިޔާއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ބަލިމީހުންނަށް އެހީތެރިވާ ސިއްހީ ހިދުމަތްތެރިއެއް / ފޮޓޯ: އެޗްއީއޯސީ

މިދިޔަ މަހު 29ގެ ނިޔަލަށް ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި 15،826 ފަރާތަކަށް ޖުމްލަ 280.3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ނަމަވެސް އަދިވެސް ފްރޮންޓްލައިން އެލަވަންސް ނުލިބޭ އެތައް ބަޔަކު އެބަ ތިއްބެއެވެ. ދާދި ފަހުން ވެސް އެލަވަންސް ނުލިބި ބަޔަކު ވަނީ ހެލްތު މިނިސްޓްރީގެ ކުރިމަތީގައި އިހުތިޖާޖު ކޮށްފައެވެ. އަދި އަނެއްބަޔަކު ވަނީ އައިޖީއެމްއެޗް އެޗްއާރުގައި އިހުތިޖާޖު ކޮށްފައެވެ.

އޮމިކްރޯން ރާއްޖެއިން ފެނުން

އެންމެ ފުރަތަމަ ރާއްޖޭން އޮމިކްރޮން ފެނިފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. އެއީ މިދިޔަ މަހުގެ 27 ގައި ރާއްޖެ އައި ފަތުރުވެރިއެއްގެ ގައިން ނެގި ސާމްޕަލް އަކުންނެވެ.

މިހާތަނަށް އޮމިކްރޯންގެ ފަސް ކޭސް ފެނިފައިވާއިރު އެންމެ ފުރަތަމަ ފެނުނު ކޭހާއި ފަހުން ފެނުނު ހަތަރު ކޭހަކީ އެއްވެސް ގުޅުމެއް ނެތް ކޭސްތަކެއް ކަމަށާއި، މި ކޭސްތަކުގެ ރިސްކް އެސެސްމަންޓުތައް ހަދަމުން ގެންދާ ކަމަށް އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓު ޑރ. އިބްރާހީމް އަފްޒަލް ވަނީއޮތީ ވިދާޅުވެފައެވެ.

އެޕިޑޮމިލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް / ފޮޓޯ: ރައީސް އޮފީސް

އެއާއެކު އަފްޒަލް ވަނީ އޮމިކްރޯން އާ މެދު ވަކި ހާއްސަ ފިޔަވަޅެއް ނެތް ކަމަށާއި، މި ވޭރިއެންޓަކީ ގައިން ގައަށް އެރުމުގެ ފުރުސަތު ބޮޑު ވޭރިއެންޓެއް ކަމަށް ވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރުމަށް އެދިވަޑައިގެންފައެވެ.

އެހެންވެ ސަރުކާރުން ވަނީ އާ ވޭރިއެންޓުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ.

އަޅާފައިވާ ފިޔަވަޅުތައް

  • ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮތުން. (މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައިދަތުރުކުރާ އެއް އަހަރުން ދަށުގެ ތުއްތު ކުދިން ޕީސީއާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެ) އެވެ.
  • ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުން.
  • ކޮވިޑު-19 ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން (މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ) އެވެ. އަދި މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެ އިތުރުން ވެކްސިނަށް ޝަރުތު ހަމަވާ ފަރާތްތަކުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިހާރު ކޮވިޑް ކޭސްތައް 100ގައި އުޅުނު ނަމަވެސް ހަގީގަތުގައި މިއަދު ގައުމުގައި އުފާވެރިކަމެއް ނެތެވެ. ކިތައްމެ ނޫން ކަމަށް ހެދިގެން އުޅުނަސް، މަޖާގަނޑުން ނުކުމެ ސިކުނޑި ހަމަޖެހިލާ އިރު ފެންނަނީ ކޮވިޑް-19ގެ ހިސާބުތަކެވެ. އިވެނީ ކޮންޓްރޯލް ނުވާ ވާހަކައެވެ. ހޮސްޕިޓަލް އެނދުތައް ފުރޭ ހަބަރުތަކެވެ. ކޮންމެވެސް ފުރާނައެއް ގެއްލިއްޖެކަމުގެ އިއުލާނެވެ.

ކޮވިޑްގެ މި ހާލަތުގައި މާލޭގެ މަގުމަތީގައި މީހުން ނިކުމެ އުޅޭ މަންޒަރު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ކޮވިޑް ކޮންޓުރޯލު ކުރުމަށް އާންމުން ވެސް އެބަ މަސައްކަތް ކުރަން ޖެހެއެވެ. މާސްކު އެޅުމަކީ މިހާރު ބޭނުން ނޫން ކަމެކޭ ބުނާ އެތައް ބަޔަކު އެބައުޅެވެ. މާލެ މަގުމައްޗަށް ބެލިއަށް މާސްކު ނާޅާ އެތައް ބަޔަކު އުޅޭ މަންޒަރު އެބަފެނެއެވެ. އެމީހުންގެ މޫނު މަތިން ބިރުވެރިކަމެއް ނުފެނެއެވެ. ކެފޭ ރެސްޓޯރަންޓުތަކާއި ފިނިމައިޒާންތަކާއި، ތޮށިގަނޑުމަތީގައި ތިބޭ މީހުންގެ އަދަދު ދަނީ އިތުރަމުންނެވެ. ވަގުތު ފާއިތު ނުވަނީސް ފަރުދީ ޒިންމާ އަދާކުރާށެވެ.