މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު އިބްރާހިމް ޝަކީލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމަށް ނިންމާ އެކަން މަޖިލީހުގައި އިއުލާނު ކުރުމަށް ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުން ސިޓީއެއް ލިބިފައިވާ ކަމަށާއި އެގޮތުން އެ ސިޓީގައި ވާގޮތުން އޭސީސީގެ މެންބަރު ޝަކީލް މަގާމުން އިސްތިއުފާ ދެއްވާފައި ވާކަމަށެވެ.
އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ މަރިޔަމް ޝިއުނާ، ފާތުމަތު އަނޫލާ، އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ޖަލްސާގައި ވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތިން މެމްބަރުން މަގާމުން ވަކިކުރުމައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި މައްސަލަ މަޖިލީހުގައި އިއުލާނު ކޮށްފައެވެ. މައްސަލަ މަޖިލީހުގައި އިއުލާން ކުރުމަށް ފަހު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އަދި އެ ދިރާސާކުރި ރިޕޯޓާ ގުޅޭގޮތުން މެންބަރުންނަށް ތިން ދުވަހުގެ މުއްދަތު ދިނުމަށް ފަހު މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް މައްސަލައިގެ ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމަށް ނިންމާފައި މިވަނީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހުއެވެ. އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށް އެ އޮޑިޓުގައިވެއެވެ.
މިދިޔަ މަހުގެ 29 ގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ.