ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބެނެފިއެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫގެ އެންމެ ފަހުގެ ތަފްސީލް ހާމަކުރަމުން އެމްޓީސީސީއިން ބުނީ އެ ރަށު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ފެން ހިންދާ ހޮޅިވަޅުލުމުގެ މަސައްކަތް ޑިސެމްބަރު 13، 2021 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫގެ ދަށުން، ފޮނަދޫގެ 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

390 ދުވަސް ތެރޭގައި ނިންމަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖެނުއަރީ 20، 2021 ގައެވެ. އެ މަޝްރޫގެ އަގަކީ 53.99 މިލިއަން ރުފިޔާއެވެ.