އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތްތައް ސަރުކާރު ހިންގާ އެމްޑީޕީން ފަށައިފިއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުގައި ޖަލްސާ ބާއްވަން، ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ދެ ހަފްތާގެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހޭނެއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހަށް ހުށަހަޅުައްވާނެ ކަމަށެވެ.

މިދިޔަ މަހުގެ 29 އިން ފެށިގެން މަޖިލިސް ވަނީ ތިން މަސްދުވަހުގެ ޗުއްޓީއަކަށް ގޮއްސައެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހުށަހަޅަން އެމްޑީޕީން ނިންމާފައި ވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާތީއެވެ.

އެކަމަށް ރައްދު ދެއްވައި އެކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އޭސީސީއަށް ނަތީޖާ ނެރެވޭނީ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ޖާގަ ދިިނުމުން ކަމަށެވެ.

އެކަމާ ގުޅިގެން ނުސީދާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނުސީދާކޮށް ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ، އެއްވެސް މިނިވަން މުއައްސަސާއަކަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް މިހާރު ނޯންނާނެ ކަމަށެވެ

އޮޑިޓު އޮފީހުން ހެދި އޮޑިޓުގައިވާ ގޮތުން، އޭސީސީއަށް މައްސަލަތައް ނުބެލޭ ކަމާއި ކޮމިޝަންގެ ބާރު ބޭނުން ނުކުރާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބައެއް މައްސަލަތަކަށް ތިން އަހަރު ވެފައި ވާއިރު، 300 އަށް ވުރެ ގިނަ މައްސަލަ ނުބަލާ ހުރިކަމަށް އެ އޮޑިޓުގައިވެއެވެ.

މިދިޔަ މަހުގެ 29 ގައި އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވާއިރު، މިމަހުގެ ފަސްވަނަ ދުވަހު އޭސީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ.