ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން އެއްކޮށް ފުރިހަ މަކޮށްފައިވާ މީހުންނަށް ކަރަންޓީނު ނުވެ ސިންގަޕޫރަށް ދެވޭ ގޮތަށް ޓްރެވަލް ލޭނެއް ހަދައިފިއެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ސިންގަޕޫރަށް ދެވޭ ގޮތަށް ޓްރެވަލް ލޭނެއް މިއަދު ހަދާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ސިންގަޕޫރާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ވެކްސިން ފުރިހަމަކުރި މީހުންނަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެގައުމަށް ދަތުރުކުރެވޭނެ ކަމަށާއި، މިގޮތަށް ދަތުރުކުރެވޭނީ ޓްރެވަލް ލޭނުގެ ދަށުން ހާއްސަކޮށްފައިވާ ފްލައިޓްތަކުން ކަމަށެވެ.

އެގޮތުން އެގައުމަށް ދަތުރުކުރާ މީހުންގެ އަތުގައި ވެކްސިން ފުރިހަމަކުރި ކަމުގެ ޑިޖިޓަލް ސެޓްފިކެޓެއް އޮންނަން ޖެހޭނެއެވެ. އަދި ނެގަޓިވް ޕީސީއާރު ނަތީޖާއެއްވެސް އޮންނަން ޖެހޭނެއެވެ.

ސިންގަޕޫރުގެ އާބާދީގެ ބޮޑު ބައެއް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑު އަދިވެސް ފެތުރޭތީވެ އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ނުދެއެވެ.

މިދިޔަ މަހުގެ 26 ގައި ސިންގަޕޫރުން ވަނީ އެގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނާފައެވެ.