ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި، ފަސް އަހަރުގެ ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި އޭނާއަށް ފަރުވާ ދިނުމުގައި އިހުމާލުވި ދެ ޑޮކްޓަރަކު ސަސްޕެންޑް ކޮށްފިއެވެ.
ސަދާގެ ބައްޕަ ސައުދުﷲ އަހުމަދަށް ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނީ މި މައްސަލަ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން މި މައްސަލައިގައި ހިމެނޭ 2 ޑޮކްޓަރުންގެ ލައިސެންސް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިމައްސަލަ ރިވިއު ކުރުމުގެ މަސައްކަތް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް އިން ވެސް ކުރަމުން ގެންދާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ސަދާގެ ބައްޕަ ބުނީ ސަދާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުންކަން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމާފައި ކަމަށެވެ.
އޭނާ ވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ހެލްތު ސެކްޓާގެ ކަންކަން ބައްޓަން ކުރުމަށް އެދިފައެވެ.
ސަދާ ބަނޑުގައި ރިއްސާތީ އެންމެ ފުރަތަމަ ގެންދިޔައީ އެރަށުގައި ހުންނަ ފްލޫ ކްލިނިކަށެވެ. އެ ތަނަށް ދައްކައިގެން ވެސް ސަދާއަށް ލުޔެއް ނުލިބުމުން ދެން އޭނާ ފޮނުވާލީ އެ ރަށު ހޮސްޕިޓަލަށެވެ. "ދަ ޕްރެސް" އަށް ސަދާގެ މަރުގެ މައުލޫމާތު ހިއްސާކުރަމުން އޭނާގެ ބައްޕަ ސައުދުﷲ އަހުމަދު ހަސަން ބުނެފައި ވަނީ، އެ ދުވަހު ހަވީރު ފުވައްމުލަކު ހޮސްޕިޓަލުން ސަދާއަށް އިންޖެކްޝަނެއް ޖެހި ކަމަށާއި އޭގެ ފަހުން ފަސް މިނެޓް ތެރޭގައި ސަދާގެ ހަރަކާތް ހުއްޓުނު ކަމަށެވެ.
ހޮސްޕިޓަލުގައި ސިއްހީ ހިދުމަތް ދޭން ތިބި ފަރާތްތަކުން، ސަދާގެ ގަޔަށް އިންޖެކްޝަން ޖެހީ، އެ މައުސޫމު ކުއްޖާގެ އެލާޖިކްގެ މައުލޫމާތު ވެސް ސާފު ނުކޮށް ކަމަށް ބައްޕަ ވަނީ ބުނެފައެވެ. ސަދާގެ ހަރަކާތް ހުއްޓިގެން ތިން ފަހަރެއްގެ މަތިން، ސީޕީއާރް ވެސް ދިނެވެ.
ސަދާގެ އާއިލާއިން ދަނީ އެދުވަހު ސަދާ މަރުވީ އޭނާގެ ގަޔަށް "ނުބައި" އިންޖެކްޝަނެއް ޖެހުމުން ކަމަށް ބުނެ ތުހުމަތު ކުރަމުންނެވެ.