މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ކޯޓުގައި މައާފަށް އެދިއްޖެއެވެ.

އަދުހަމްއަށް ހުކުމް ކުރުމުގެ ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުގައި 11 ޖަހާއިރު އޮތްއިރު މި އަޑުއުހުމުގައި އަދުހަމް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދެވުނީ ދީނީ ގޮތުން ގަބޫލު ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދުހަމް ވަނީ އެކަމަށް މައާފަށް އެދި އެފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބުނެފައެވެ.

މެއި ހައެއްގައި ދީފައިވާ ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް, އެ އަމަލު ހިންގުނީ އަޅުގަނޑަށް ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކަކާ ގުޅިގެން, މި ފުރުސަތުގައި ރައީސް ނަޝީދާއި އަނިޔާ ލިބުނު މީހުންނާއި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން މާފަށް އެދެން, އަދި މިފަދަ ކަމެއް އަޅުގަނޑުގެ ފަރާތުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަރުވަން.
އަދުހަމް އަހުމަދު

މި މައްސަލައާ ގުޅިގެން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އަދުހަމްގެ މުޅި ޝަރީއަތް ސިއްރުކުރަން ނިންމާފައި ވާއިރު ޕީޖީ އޮފީހުން ބުނީ އަދުހަމްގެ އަޑުއެހުންތައް ސިއްރު ކުރަން ޝަރީއަތުން ނިންމީ އަދުހަމްގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ.

މި ދައުވާތައް އޭނާއަށް ސާބިތުވެއްޖެ ނަމަ 37 އަހަރުގެ ހުކުމެއް އަންނާނެއެވެ. އެކަމަކު ޖިނާއީ އިޖުރާއާތުގެ ގާނޫނުން ދޭ އިހްތިޔާރުގެ ދަށުން، ކުށަށް އިއުތިރާފުވެ ތަހުގީގަށް އެއްބާރުލުން ދިނުމުން އޭނާއާ އެކު ދައުލަތުން ވަނީ 23 އަހަރުގެ ހުކުމަކަށް އެއްބަސް ވެފައެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމެވެ. އެކަމުގެ ސަބަބުން ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވުމުގެ އިތުރުން އެވަގުތު އެ ތަނުގައި ތިބި އެހެން ބައެއްގެ ފުރާނައަށް ވެސް ނުރައްކާވިއެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަދުހަމް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އަށް ތާއީދުކުރާ ކަމަށް ތަހުގީގުގައި އެއްބަސް ވެސް ވެފައެވެ.

އަދުހަމްގެ އިތުރުން ހަ މީހަކަށް ވަނީ ނަޝީދަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކޮށްފައެވެ. އެއީ މުޖާޒު އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، އިސްހާގު، ފަހުމީ އަލީ އަދި މުހައްމަދު ނާޒިމެވެ.