ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ހުސައިން ވަހީދަކީ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ޑިމޮކްރަސީގެ ނިޒާމަށް ވެރިކަން އަނބުރާލުމުގައި ބޮޑު ދައުރެއް އަދާ ކުރެއްވި އިހްލާސްތެރި ބައިވެރިއެއް ކަމަށާއި ހުސައިން ވަހީދަކީ އެމްޑީޕީގެ ވަރުގަދަ ތަނބެއް ކަމަށެވެ. އަދި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ރައީސް ނަޝީދު ވަނީ ހުސައިންގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ.
ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވާއިރު އޭނާ ވަނީ އެ ބައްޔަށް އަހަރެއްހާ ދުވަހު ދުބާއީންވެސް ފަރުވާ ހޯއްދަވާފައެވެ. ރޭގެ ވަގުތެއްގައި ހުސައިން ވަހީދު އަވަހާރަ ވިއިރު އޭނާގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.
ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ. އޭގެ ތެރޭގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާއި އިދިކޮޅު މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.