އެމްއެމްއޭ ކައިރިން ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ، ގދ. ފަރެސްމާތޮޑާ އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލް އަށް ލިބިފައިވާ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ވާއަތް ފަރާތުން މޭ ކައިރިއަށް ދީފައިވާ އަނިޔާކަމަށް ކޯޓުގައި ހެކިވެރިއަކު ބުނެފިއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ ވަނީ ދެ މީހެއްގެ މައްޗަށް އުފުލާފައެވެ. އެއީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސީން އޮފް ކްރައިމްސް އޮފިސަރު އަޝްފާގް ހަސަންގެ ހެކިބަސް ނެގުމެވެ.

ހެކިބަސް ދެމުން އަޝްފާގް ބުނީ، އާގިލްގެ ހަށިގަނޑު ބަލާފާސްކޮށް ފޮޓޯ ނަގާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށާއި، ހަށިގަނޑަށް ލިބިފައިވާ އެންމެ ބޮޑު ޒަހަމްކަމަށް ފެންނަން ހުރީ މޭމަތީގައި ފެންނަން ހުރި ޒަހަމް ކަމަށެވެ.

މިގޮތުން މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރި ކަމަށާއި، ވާއަތު ބުމަޔާ ދިމާލުން ވެސް ބޮޑުކޮށް ކަނޑައިގެންގޮސްފައިވާ ކަމަށެވެ.

އަޝްފާފް އިތުރަށް ބުނީ، އާގިލްގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތައް ދީފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަން އެނގޭ ކަމަށެވެ.

ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި އިތުރު ހެކިވެރިންގެ ހެކިބަސް ނެގުމަށް ވެސް ތާވަލްކުރިއެވެ. ނަމަވެސް، އެހެން ހެކިން ކޯޓަށް ހާޒިރު ނުވުމުން ހާޒިރުވި ހެކިވެރިޔާގެ ހެކިބަސް ނެގުމަށްފަހު މިއަދުގެ މަޖިލިސް ވަނީ ނިންމާލާފައެވެ.

އާގިލް މަރާލާފައި ވަނީ އޯގަސްޓް 31، 2018 ވަނަ ދުވަހުގެ ރެ އެވެ. އޭނާ މަރާލާފައި ވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށް ފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތުއެވެ.