އެޗްޑީސީއަށް ރަޖިސްޓްރީ ކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުމަށް އަމަލުކުރަން މަޑުޖައްސާލަން އަންގަން އެލްޖީއޭން ފާސްކޮށްފިއެވެ.

ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ އެލްޖީއޭއިން ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމާފައި ވަނީ ސިޓީ ކައުންސިލުން ފާސްކުރި ގޮތަށް އަމަލުކުރުން ހުއްޓުވުމުގެ އިތުރުން، އެކަން ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި އިންކުއަރީއެއް ކުރިއަށް ގެންދިއުމަށެވެ.

މިކަމާ ގުޅޭ ގޮތުން އެލްޖީއޭގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެލްޖީއޭއިން މިހެން ނިންމީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި، މުނިސިޕަލް ހިދުމަތްތައް ކައުންސިލާ ހަވާލުނުކުރާ ކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމަށްފަހު، އެޗްޑީސީއާ އެކު އުފެދުނު ދެބަސްވުންތަކަކާ ހެދި ރަޖިސްޓްރީ އުވާލި މައްސަލައާ ގުޅިގެންނެވެ.

ސިޓީ ކައުންސިލްގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި ސިވިލް ކޯޓަށް އެޗްޑީސީން މައްސަލަ ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުމުން ޝަރީއަތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނަމުން ދަނީ ހުޅުމާލޭގެ ބިމަކީ އެކުންފުނިން އަމިއްލަ ހަރަދުގައި ހިއްކާފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި ސިޓީ ކައުންސިލުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށްވެސް އެކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ.