ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި މިއަދުން ފެށިގެން އެ އޮތޯރިޓީގެ ދަށުން ކުރަމުން އައި ހުރިހާ މަސައްކަތެއް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ހުށަހެޅުއްވީ، ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދެވެ. އެ އޮތޯރިޓީ އުވާލަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ގައި ބޭއްވި މި އަހަރުގެ ފަހު ޖަލްސާގައެވެ.

އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، މިއަދު އެ ބިލު ތަސްދީގު ކުރައްވާފައެވެ. އެހެންވެ މިއަދުން ފެށިގެން ޓްރާންސްޕޯޓް އޮތޯރިޓީ އުވުނީއެވެ.

ވުމާއެކު، އެ އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާ ހުރިހާ މުވައްޒަފުންނާއި، ހުރިހާ ވަސީލަތްތަކާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ވެފައި ހުރި ހުރިހާ އެއްބަސްވުންތަކެއް މިނިސްޓްރީގެ ދަށަށް މިއަދުން ފެށިގެން ބަދަލުވާނެއެވެ.

ސަރުކާރުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ނިންމީ، އެ އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކުގައި ފުށުއެރުންތަކެއް ވާކަމަށް ބުނެފައެވެ. ހަމަ އެހެންމެ، ރައީސް ވެސް ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި މިނިސްޓްރީއަށް ގެނެވޭ މި ބަދަލުގެ ސަބަބުން މިނިސްޓްރީގެ ހިނުން އަވަސްވެގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.